ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިއަދު އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ އެއް މައުޟޫއަކީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ މައުޟޫ އެވެ. މިކަމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ވަނީ ތާވަލުކުރެވިފައެވެ. މިއީ ހަމައެކަނި އިދާރީ ބަދަލެއްގެ ގޮތުގައި ފެނުނު ކަމުގައި ވިޔަސް، މިއީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށާއި، ސިޔާސީ ހަމަޖެހުމަށާއި، ރައްޔިތުންގެ ބައިވެރިވުމަށް އަންނާނެ ވަރަށް ބޮޑު އިސްލާހީ ބަދަލެކެވެ.

މި ބަދަލާ ގުޅޭގޮތުން އުފެދޭ އެންމެ ބޮޑު ސުވާލަކީ، މިއީ ނުރައްކާތެރި ތަޖުރިބާއެއް ހެއްޔެވެ؟ ނުވަތަ މިއީ ދުނިޔޭގައި ކާމިޔާބުކަމާއެކު ހިނގަމުންދާ ޑިމޮކްރެޓިކް ނިޒާމެއް ހެއްޔެވެ؟ ދުނިޔޭގެ ތަފާތު ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، މިއީ ވަރުގަދަ ޑިމޮކްރެސީތަކުގައި ވަރަށް ކާމިޔާބުކަމާއެކު ބޭނުންކުރަމުންދާ މޮޑެލްއެއްކަން ހާމަވެ އެވެ.

އެއްދުވަހެއްގައި އިންތިހާބު ބޭއްވުން: ދުނިޔޭގެ އާންމު އުސޫލެއް

ދުނިޔޭގެ ބޮޑެތި އަދި ކުރިއަރާފައިވާ ގިނަ ގައުމުތަކެއްގައި އެއްދުވަހެއްގައި އެތައް އިންތިހާބެއް ބޭއްވުމުގެ އުސޫލު އަންނަނީ ގެންގުޅެމުންނެވެ. މިގޮތަށް އިންތިހާބުތައް ބާއްވަނީ މައިގަނޑު ހަތަރު މަގުސަދެއްގައެވެ. އެއީ:

  1. އިންތިހާބުތަކަށް ކުރާ ބޮޑު ހަރަދު ކުޑަކުރުން.
  2. އިދާރީ ހިންގުން ހަރުދަނާކުރުން.
  3. ވޯޓުލާ މީހުންގެ ނިސްބަތް އިތުރުކުރުން.
  4. ސަރުކާރުގެ ސިޔާސަތުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުން.

ރާއްޖޭގައި ބޭއްވުނު އިންތިހާބެއްގައި އަންހެނަކު ވޯޓުލަނީ. / ފޮޓޯ: ޚުލާސާ

ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާ

އެމެރިކާ: ބައިވެރިވުން އިތުރުކުރުން

އެމެރިކާގައި ރިޔާސީ އިންތިހާބާއި ކޮންގްރެސްގެ އިންތިހާބުތައް ބާއްވަނީ އެއްދުވަހެއްގަ އެވެ. މިކަމުގެ ސަބަބުން ވޯޓުލާ މީހުންގެ ނިސްބަތް 15 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުވެގެންދާކަން ދިރާސާތަކުން ދައްކައެވެ. މިއީ ރައްޔިތުންނަށް ލިބޭ ލުޔެއްގެ ގޮތުގައި އެ ގައުމުން ދެކެ އެވެ.

ބްރެޒިލް: ބޮޑު އިންތިހާބެއްގެ ކާމިޔާބީ

ބްރެޒިލް ފަދަ އާބާދީ ބޮޑު ގައުމެއްގައި ރައީސާއި، ގައުމީ މަޖިލީހާއި، ސްޓޭޓް ގަވަރުނަރުން ހޮވުމުގެ އިންތިހާބު ބާއްވަނީ އެއްދުވަހެއްގަ އެވެ. މީގެ ސަބަބުން މަރުކަޒީ ސަރުކާރާއި ސަރަހައްދީ ސަރުކާރުތަކުގެ މެދުގައި ގުޅުން ބަދަހިވެ، އިދާރީ މަސައްކަތްތައް ފަސޭހަވެގެންދެ އެވެ.

އިންޑޮނޭޝިއާ: ދުނިޔޭގެ އެންމެ ބޮޑު އެއްދުވަހުގެ އިންތިހާބު

ޖަޒީރާ ރަށްތަކުގެ މައްޗަށް އެކުލެވޭ އިންޑޮނޭޝިއާއަކީ ރާއްޖެއާ ގޮތްތަކަކުން އެއްގޮތް ގައުމެކެވެ. އެ ގައުމުގައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން ބިލިއަނުން ފައިސާ ސަލާމަތް ކުރެވެއެވެ. ހާހުން ރަށްތަކުގެ މައްޗަށް އެކުލެވޭ އިންޑޮނޭޝިއާގައި މިކަން ކާމިޔާބުކަމާއެކު ކުރެވޭއިރު، މިއީ ރާއްޖެއަށް ވަރަށް މުހިންމު ނަމޫނާއެކެވެ.

ސްވިޑަން: ހަރުދަނާ ޑިމޮކްރެޓިކް ނިޒާމެއް

ސްވިޑަންގައި ގައުމީ މަޖިލީހާއި، ރީޖަނަލް ކައުންސިލްތަކާއި، މުނިސިޕަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަނީ އެއްދުވަހެއްގައެވެ. މީގެ ސަބަބުން އެ ގައުމަކީ ދުނިޔޭގައި އެންމެ ގިނަ މީހުން ވޯޓުލާން ނުކުންނަ އެއް ގައުމެވެ.

އުރުގުއޭ: ދިގު މުއްދަތުގެ ކާމިޔާބީ

އުރުގުއޭގައި މި ނިޒާމު ބޭނުންކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. 2009 ވަނަ އަހަރުގެ އިންތިހާބުގައި އެ ގައުމުގެ 89.9 އިންސައްތަ މީހުން ވޯޓުލާފައިވެއެވެ. މިއީ އެއްދުވަހެއްގައި އިންތިހާބު ބޭއްވުމުން ރައްޔިތުންގެ ބައިވެރިވުން އިތުރުވާކަމުގެ އަލިގަދަ ހެކިބަހެކެވެ.

އެއްދުވަހެއްގައި އިންތިހާބު ބޭއްވުމުގެ ފައިދާތައް

1. ހަރަދު ކުޑަވުން: އިންތިހާބުތަކަކީ ދައުލަތުން ބޮޑު ހަރަދެއް ކުރަންޖެހޭ ކަމެކެވެ. ލޮޖިސްޓިކްސްއާއި، މުވައްޒަފުންގެ ހަރަދާއި، ސަލާމަތީ ކަންކަމަށް ކުރާ ހަރަދު އެއްދުވަހަކަށް ބަދަލުވުމުން ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއް ލިބޭނެއެވެ.

2. ވޯޓުލާ މީހުންގެ ނިސްބަތް އިތުރުވުން: ގިނަގިނައިން ވޯޓުލާން ޖެހުމުން ރައްޔިތުން ފޫހިވެ، ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވެއެވެ. އެއްދުވަހެއްގައި ވޯޓުލުން އޮތުމުން، ރައްޔިތުންނަށް ފަސޭހަވެ، ޑިމޮކްރެސީގައި ބައިވެރިވުން އިތުރުވެއެވެ.

3. ސިޔާސީ ހަމަޖެހުމާއި ހަރުދަނާ ވެރިކަން: ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް އިންތިހާބުތައް ބާއްވާނަމަ، ސަރުކާރުތަކުން ގިނަ ވަގުތު ހޭދަކުރަންޖެހެނީ ކެމްޕޭން ކުރުމުގައެވެ. އެއްދުވަހަކުން އިންތިހާބު ނިމުމުން، ދެން އަންނަ 5 އަހަރު ސަރުކާރަށް ލިބޭނީ ހިދުމަތް ކުރުމާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށެވެ.

4. ސިޔާސީ ފިތުނައާއި ވަރުބަލިކަން ކުޑަވުން: ނިމުމެއް ނެތް ކެމްޕޭންތަކުގެ ސަބަބުން މުޖުތަމައު ބައިބައިވެ، ސިޔާސީ ނުތަނަވަސްކަން އިތުރުވެއެވެ. މި ނިޒާމުގެ ސަބަބުން މިފަދަ ނޭދެވޭ ކަންކަމުން ސަލާމަތްވެވޭނެއެވެ.

ދިވެހިރާއްޖެއަށް މީގެ މުހިންމުކަން

ދިވެހިރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމަކަށް ވުމުން، އިންތިހާބުތައް ބޭއްވުމުގެ އިދާރީ ހަރަދު ވަރަށް ބޮޑެވެ. ކޮންމެ އިންތިހާބަކަށް ރަށްރަށަށް މުވައްޒަފުންނާއި، ވޯޓު ފޮއްޓާއި، ސަލާމަތީ ބާރުތައް ފޮނުވަން ޖެހެއެވެ.

އެއްދުވަހެއްގައި މި ދެ އިންތިހާބު ބޭއްވުމުން:

  1. ދައުލަތުގެ ހަރަދު އެތައް މިލިއަނަކުން ކުޑަކުރެވޭނެއެވެ.
  2. އިދާރީ މަސައްކަތްތައް އެއްފަހަރުން ނިންމާލެވޭނެއެވެ.
  3. ވެރިކަން ހިންގާ ބާރާއި ގާނޫނު ހަދާ ބާރުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ތަރައްގީގެ މަސައްކަތްތައް ހަލުވިވާނެއެވެ.

ރާއްޖޭގައި ކުރިއަށްދިޔަ އިންތިހާބެއްގެ ތެރެއިން. / ފޮޓޯ: ޚުލާސާ

ނިންމުން

އޭޕްރީލް 4 ގައި ނެގޭ ފެންނަ ނުފެންނަ ވޯޓަކީ ހަމައެކަނި އިންތިހާބު ބާއްވާ ތާރީހަށް ގެންނަ ބަދަލެއް ނޫނެވެ. މިއީ ރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާކޮށް، ދައުލަތުގެ ވަސީލަތްތައް އިސްރާފުވުން ހުއްޓުވައި، ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށް ލިބޭ ރަން ފުރުސަތެކެވެ.

ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުން ދައްކައިދީފައިވަނީ އެއްދުވަހެއްގައި އިންތިހާބު ބޭއްވުމަކީ ކާމިޔާބު، ހަރުދަނާ އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމެވެ. އެހެންކަމުން، ރާއްޖެއިންވެސް މި މިސްރާބަށް ދިއުމަކީ ގައުމުގެ މުސްތަގުބަލަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.