އެއްބުރުން ރިޔާސީ އިންތިހާބު ބޭއްވުމާބެހޭ "ޕްރިފަރަންޝަލް ވޯޓިން ސިސްޓަމް" ގެ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް އެޕްރީލް މަހު ބާއްވާ ފެންނަ ނުފެންނަ އިންތިހާބުގެ ނަތީޖާއަށް ރިއާޔަތްކުރައްވައި މުހިންމު ގާނޫނީ އިސްލާހުތަކެއް ހުށައެޅުއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއެކު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނަމަ، މިހާރު ހިނގަމުންދާ މަޖިލީހުގެ އުމުރަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ބާއްވާ ފެންނަ ނުފެންނަ އިންތިހާބުން އެގޮތަށް ފާސްވެއްޖެނަމަ، ސަރުކާރުގެ ރީފޯމް ޕެކޭޖުގައި ހިމެނޭ ގިނަ އިސްލާހުތަކެއް ހުށަހަޅުއްވާނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސް ފާހަގަކުރެއްވި މުހިންމު އިސްލާހުތަކުގެ ތެރޭގައި، އާބާދީ އިތުރުވާ މިންވަރަކަށް މަޖިލިސް މެންބަރުންގެ އަދަދު އިތުރުވާ އުސޫލު ބަދަލުކުރުން ހިމެނެއެވެ. މީގެ އިތުރުން މަޖިލީހުގެ ވަކި އިންސައްތައަކީ 30 އަހަރުން ދަށުގެ ޒުވާނުންނާއި އަންހެނުންނަށް ހާއްސަ ގޮނޑިތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ދިރާސާކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިންތިހާބީ ނިޒާމަށް ގެންނަން ގަސްދުކުރާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބު އެއްބުރުން ބޭއްވުމަށް މަގުފަހިވާ "ޕްރިފަރަންޝަލް ވޯޓިން ސިސްޓަމް" އާ ގުޅޭ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ރިޔާސީ ދައުރު ފެށޭ ތާރީހަކީ ނޮވެންބަރު 11 ކަމުގައި އަލުން ކަނޑައެޅުމުގެ އިސްލާހުވެސް މީގެ ތެރޭގައި ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ކަށަވަރުކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައްވެސް ހުށަހަޅުއްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ރައްޔިތުންގެ ޝަކުވާތައް އުފުލުމަށް ރިޔާސީ ބަޔާނުގައި އިއުލާންކުރެއްވި "ސިޓިޒެންސް ކޮމްޕްލެއިންސް ބިއުރޯ" އަންނަ ޖުލައި މަހު އުފައްދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.









