ހުރްމުޒް ކަނޑުއޮޅި އޮތީ ހުޅުވާފައި ކަމަށާއި، އެ ތަނެއް ބަންދު ނުކުރާ ކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ ހުރްމުޒް ކަނޑުއޮޅިން ބޯޓުތައް ދަތުރު ނުކުރަނީ އިންޝޫރެންސް ކުންފުނިތަކުން ދެކޮޅުހަދާތީ ކަމަށާއި، އެމެރިކާ އާއި އިސްރާއީލުން ތެހެރާނަށް ދިން ޙަމަލާ އާއި ގުޅިގެން، ބޯޓު ތައް އޮޕަރޭޓް ކުރަމުންދާ ކުންފުނިތަކުން ބިރުން، ރިސްކެއް ނުނެގުމަށް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އީރާނުން މިހެން މި ބުނީ އެ ކަނޑުއޮޅި ހުޅުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވަރަށް ވަރުގަދަ އިންޒާރެއް ދީފައި ވަނިކޮށެވެ.


މީގެ އިތުރުން އީރާނުން ބުނީ ޢަދާވާތްތެރިންގެ (އެމެރިކާ އާއި އިޒުރޭލާއި ގުޅުން ހުރި) އުޅަނދުތަކާއި މެދު ކަންތައްތައް ކުރާނީ “ކޯޅުންތަކުން އުފެދޭ ޤާނޫނީ އޮނިގަނޑުގެ އިތުރުން އީރާނުގެ ކަމާބެހޭ ފަރާތްތަކުގެ ނިންމުންތަކާއި ފިޔަވަޅުތަކާއި އެއްގޮތަށް" ކަމަށެވެ.
މި މަހުގެ ކުރީކޮޅުއްސުރެ އީރާނުން ވަނީ ހުރްމުޒް ގައި ދަތުރުކުރާ އުޅަނދުތަކުގެ ތެރެއިން އިސްވެ ދެންނެވި ޢަދާވާތްތެރީންގެ އުޅަނދު ތަކަށް ޙަމަލާ ދޭން ފަށާފައެވެ. އެއީ ދުވާލަކު ގާތްގަނޑަކަށް 20 މިލިއަން ފީފާ ތެޔޮ ދަތުރުކުރާ މަގެވެ. މިއާއި އެކު ޝިޕިން އާއި އިންޝުއަރެންސްގެ ޚަރަދުތައް މައްޗަށް ގޮސް، ތެލުގެ އަގު މި ވަނީ އުފުލިފައެވެ.








