ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އަހަރީ އާންމު ޖަލްސާ ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ ރޭ ބޭއްވުމަށް އެ ބޭންކުން ތައްޔާރުވެއްޖެ އެވެ.
ބީއެމްއެލް އިން މައުލޫމާތު ދޭ ގޮތުގައި މި ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 09:00 ގައި ބާސެލޯ ނަސަންދުރާގެ ބޯލްރޫމުގަ އެވެ. މި ޖަލްސާގައި ބައިވެރިވުމަށް އެދޭ ހިއްސާދާރުންނަށް އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.
މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން މި ޖަލްސާގައި ބައިވެރިވުމަށް ޕްރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ރަޖިސްޓަރީވުމުގެ އެންމެ ފަހު ތާރީހަކީ 26 މާޗު 2026 ވާ ބުރާސްފަތި ދުވަހުގެ ރޭ 09:00 ކަމަށް ބޭންކުން ވިދާޅުވެ އެވެ.
ބީއެމްއެލް އިން ވަނީ 2025 ވަނަ އަހަރު ރެކޯޑު މާލީ ނަތީޖާއެއް ހާސިލްކޮށްފަ އެވެ. ބޭންކުން ވިދާޅުވާ ގޮތުގައި ވޭތުވެދިޔަ އަހަރު ހޯދި މި ކާމިޔާބީއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި، ހިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކުގެ ނަތީޖާ އެވެ. އަދި މިއީ ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ބޭންކުން ދީފައިވާ ހާއްސަ ސަމާލުކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް ބޭންކުން ފާހަގަކުރެ އެވެ.
މާލީ ހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް 2.5 ބިލިޔަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު %9.8 ގެ ކުރިއެރުމެކެވެ. ބޭންކުގެ ބެލެންސް ޝީޓަށް އައި ބޮޑު ކުރިއެރުމާއެކު، ބޭންކުގެ ޖުމްލަ އެސެޓް ވަނީ 55.8 ބިލިޔަން ރުފިޔާއަށް އިތުރުވެފަ އެވެ.
އިގްތިސާދީ ގޮތުން ބަލާއިރު، އަމިއްލަ ފަރުދުންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓް ކަސްޓަމަރުންގެ ވިޔަފާރިތައް ފުޅާކުރުމަށް ބޭންކުން ވަނީ ވޭތުވެދިޔަ އަހަރު އަލަށް 10 ބިލިޔަން ރުފިޔާގެ ލޯނާއި ފައިނޭންސިން ދޫކޮށްފަ އެވެ. މިއީ ބޭންކުގެ ތާރީހުގައިވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދެއްގެ ލޯނު ދޫކުރި އަހަރެވެ.
މީގެ އިތުރުން، ވޭތުވެދިޔަ އަހަރު 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ ގުޅިފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %16 އިތުރުވެފަ އެވެ. ބީއެމްއެލްގެ މި ކާމިޔާބީތަކާ ގުޅޭ ތަފްސީލީ މައުލޫމާތު މި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ހުށަހެޅިގެންދާނެ އެވެ.









