ފިތުރު އީދުގެ އުފާވެރި މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން އިންތިޒާމުކުރާ ހާއްސަ އީދު ހަވީރެއް ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފި އެވެ.
އެމް.އޭ.ސީ.އެލް އިން ނެރުނު ނޫސްބަޔާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެސްޓިވަލްގައި މުނިފޫހިފިލުވުމުގެ ތަފާތު ގިނަ ހަރަކާތްތަކާއި ކުޅިވަރުތައް ވަނީ ހިމަނާފަ އެވެ. މިއަހަރުގެ އީދު ހަވީރު ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޑަކުދިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ޒޫޓޯޕިއާ" ތީމަށެވެ.
މި ހަރަކާތްތައް ކުރިއަށްދާނީ ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. އެމް.އޭ.ސީ.އެލްގެ ސްޓޯލް ހުންނާނީ ސެންޓްރަލް ޕާކުގެ އިރުމަތީ ފަރާތު ވަންނަ ދޮރު ކައިރީގަ އެވެ. "އީދު ހަވީރު 1445" ކުރިއަށްދާނީ މި ތިން ދުވަހުގެ ކޮންމެ ދުވަހެއްގެވެސް ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 6:00 އަށެވެ.
މިފަދަ ހަރަކާތެއް އިންތިޒާމުކުރުމުގެ މައިގަނޑު މަގުސަދަކީ، އީދު ފަދަ އުފާވެރި މުނާސަބަތުތަކުގައި އާއިލާތަކަށް އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފުރުސަތު މަގުފަހިކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެ އެވެ. އެހެންކަމުން، ވީހާވެސް ގިނަ އާއިލާތަކުން ކުޑަކުދިންނާއެކު މި ހަރަކާތްތަކުގައި ބައިވެރިވުމަށް އެމް.އޭ.ސީ.އެލް އިން ވަނީ އާންމުކޮށް ދައުވަތު އަރުވާފަ އެވެ.









