އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ސާޖިއޯ ގޯ، ރަސްމީ ދަތުރެއްގައި ރާއްޖެއާއި ސްރީ ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި މި ދަތުރު ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮންނަ ގުޅުންތައް ބަދަހިކުރުމާއި، ސަރަހައްދީ ރައްކާތެރިކަމާ ގުޅޭ ގޮތުން މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ. މިގޮތުން ރާއްޖެއަށް ކުރާ ޒިޔާރަތުގައި ދިވެހި ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ސަލާމަތީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާ ކުރައްވާނެއެވެ.
ސާޖިއޯ ގޯގެ މި ދަތުރުފުޅުގައި ރާއްޖޭގެ އުމްރާނީ ތަރައްގީއަށާއި އިގުތިސާދު ފުޅާކުރުމަށް އެމެރިކާއަށް އެހީތެރިވެދެވޭނެ ދާއިރާތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި ދަތުރަކީ ރާއްޖެއާއި އެމެރިކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ވެސް ދިމާވާ ދަތުރެކެވެ. ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް ހާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 9 އެޕްރީލް 1966 ގައެވެ.
ސްރީ ލަންކާއަށް ކުރައްވާ ޒިޔާރަތުގައި، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ބަނދަރުތަކުގެ ރައްކާތެރިކަމާއި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އެމެރިކާއިން ދެކޭގޮތުގައި ރާއްޖެއާއި ލަންކާއަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތަށް އެ ގައުމުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭ ދެ ބައިވެރިންނެވެ.
ސްޓޭޓް ޑިޕާޓްމަންޓުން އިތުރަށް ބުނި ގޮތުގައި، މި ދަތުރުފުޅުގެ ސަބަބުން މިނިވަން، ހުޅުވާލެވިފައިވާ އަދި ތަނަވަސް އިންޑޯ-ޕެސިފިކް ސަރަހައްދެއް ބޭއްވުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެއެވެ. މިއީ ސަރަހައްދީ ގުޅުންތައް އާ ހަރުފަތަކަށް ގެންދިއުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތުގެ ބައެއްކަން އެ ގައުމުން ފާހަގަކުރެއެވެ.









