އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާޢީލް ޚަޠީބު ޝަހީދު ކޮށްލައިފިއެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ ބަންކާ ބަސްޓާ ބޮމެއްގެ ބޭނުން ކޮށްގެންނެވެ. މި ބޮމަކީ އެމެރިކާގެ އުފެއްދުމެކެވެ.
އެމެރިކާ-އިސްރާއީލުން ދެމުން ގެންދާ ސިލްސިލާ ހަމަލާތަކުގައި އީރާނުގެ މަތީ ފެންވަރުގެ ގިނަ ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ސުޕްރީމް ލީޑަރު ޢަލީ ޚާމަނާއީ އާއި، ސެކިއުރިޓީ ސުޕްރީމް ކައުންސިލްގެ ސެކެޓްރީ ޑރ. ޢަލީ ލަރިޖާނީ ހިމެނެއެވެ.
މީގެ އިތުރުން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ ކޮމާންޑަރު މުޙައްމަދު ޕަކްޕޫރާއި ސިފައިންގެ ޗީފް އޮފް ސްޓާފް އަބްދުލްރަހީމް މޫސާވީ އާއި ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރުޒާދޭ ވެސް ވަނީ ޝަހީދު ކޮށްލާފައެވެ.
ޝަހީދު ކޮށްލާފައިވާ އިތުރު މުހިންމު ބޭފުޅުންގެ ތެރޭގައި ދެން ހިމެނެނީ ބަސީޖް ޕެރަމިލިޓަރީ ފޯސްގެ ވެރިޔާ ޣުލަމްރިޒާ ސުލައިމާނީ އާއި ފުލުހުންގެ ޖާސޫސީ އިސް ވެރިޔާ ޣުލަމްރެޒާ ރެޒައިނާއި ޖާސޫސީ ކޮމާންޑަރެއް ކަމަށްވާ ޞާލިހު އަސާދީ އަދި ހަތިޔާރު ދިރާސާ ކުރުމުގެ ސްޕެޝަލިސްޓެއް ހުސެއިން ޖަބަލް އަމަލިއަންއެވެ.
އީރާނުން ވަނީ މި ޙަމަލާގެ ބަދަލު ހިފާނެ ކަމަށާއި، ހަނގުރާމަ ހުއްޓާލާނީ ބަދަލު ހިފައި ނިމުމުން ކަމަށް ބުނެފައެވެ.










