މެދުއިރުމަތީގެ ހަމަނުޖެހުން އެންމެ ފަހުން ބޮޑުވެ، ޤަޠަރުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ލިކުއިފައިޑް ގުދުރަތީ ގޭސް އެކްސްޕޯޓް ހަބް ކަމަށްވާ ރާސް ލަފާން ގޭސް ފެސިލިޓީ އަށް ވެސް އީރާނުން ޙަމަލާ ދީ ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
ޤަޠަރުގެ ދައުލަތުގެ ހަކަތަ ކުންފުނި ޤަޠަރު އެނާޖީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާތަކަށް ފަހު އެތަނުގައި ވަރަށް ބޮޑަށް ރޯވެ، ސްޓްރަކްޗަރަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. ޤަޠަރުން ބުނީ މިއީ އެ ޤައުމުގެ އިސްތިޤުލާލާއި ޚިލާފު ކަމެއް ކަމަށެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް އިން ބުނީ ޢަދުއްވުންނާއި އެކު އީރާނުގެ ގޭސް އިންފްރާސްޓްރަކްޗާ އަށް ހަމަލާ ދިނުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގަލްފުގެ ބައެއް ޤައުމުތަކުން ބައިވެރިވެފައިވާ ކަމަށާއި، އެހެންކަމުން އެ ޤައުމުތަކުގެ ސައިޓު ތަކަކީ "ސީދާ އަދި ޝަރުއީ އަމާޒުތަކެއް" ކަމަށެވެ.
މި ޙަމަލާ އަށް ރައްދު ދީ ޤަތަރުން ވަނީ އެ ޤައުމުގައި ތިބި އީރާނުގެ ސެކިއުރިޓީން 24 ގަޑިއިރުގެ ތެރޭގައި ޤަޠަރުން ފުރައިގެން ދިޔުމަށް އަންގާފައެވެ.










