އިޒްރޭލުން އީރާނަށް ހަމަލާދިނުމުގެ ކުރިން، އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން އިތުރުކޮށް ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އައު މަސައްކަތްތަކެއް ފަށާފައިވާކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް އެމެރިކާގެ ނޭޝަނަލް އިންޓެލިޖެންސްގެ ޑިރެކްޓަރު ތުލްސީ ގެބާޑް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު އޮތް ކޮންގްރެސްގެ އަޑުއެހުމެއްގައި ވާހަކަދައްކަވަމުން ގެބާޑް ވިދާޅުވީ، ހަނގުރާމަ ފެށުމުގެ ކުރިން އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އޮތް ހާލަތަށް ބަލާއިރު، އެ ގައުމުން ނިއުކްލިއާ ހަތިޔާރެއް އުފެއްދުމާ ގާތަށް ދިއުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުތަކުން ކަށަވަރުވާ ކަމަށެވެ.

މި ހާމަކުރުމަކީ އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަކީ އީރާނުގެ ނިއުކްލިއާ ނުރައްކަލުން ސަލާމަތްވުމަށް ދިން ހަމަލާތަކެއް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ލިބުނު ބޮޑު ގޮންޖެހުމެކެވެ. ގެބާޑް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އީރާނުން އަމަލުކުރަމުން ދިޔައީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށެވެ.

މި މައްސަލައިގައި ބައިނަލްއަގުވާމީ މުޖުތަމައުން ބުނަމުންދަނީ، އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކަކީ ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ހިންގާ އަމަލުތަކެއް ކަމަށެވެ. އަދި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް އީރާނުން ތަކުރާރުކޮށް ބުނަމުންދާ ބުނުމަށް މި ރިޕޯޓުން ބާރުލިބޭ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

އެމެރިކާގެ ޖާސޫސީ އިދާރާގެ އިސްވެރިޔާ މިފަދަ މޭރުމަކުން ވާހަކަދެއްކެވުމުން، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިޒްރޭލުން ދައްކާ ބަހަނާތަކާމެދު ސުވާލު އުފެދިފައިވާކަން ފާހަގަކުރެވެ އެވެ.