މާފަންނު ތޮއިބާ މިސްކިތް ކައިރީގައި ހުންނަ ގުދަނެއްގައި ރޯވެ، މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެނގިފައިވާގޮތުގައި ރޯވެފައިވަނީ 'ޕްރައިމް' ގުދަނުގަ އެވެ. އަލިފާނުގެ ހާދިސާ އާ ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން އެ ސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި ރޯވެފައިވަނީ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައެވެ. އެ ގުދަނަކީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބާ ބެހޭ މަރުކަޒާ ޖެހިގެން ހުންނަ ގުދަނުގައި ކަމަށްވެއެވެ. އެ މަރުކަޒުގައި ހުރި ސާމާނު ނެރުމުގެ މަސައްކަތް ފުލުހުންނާއި އީސީގެ މުވައްޒަފުން ކުރަމުންދާ އިރު، އީސީގެ ރައީސް މުހައްމަދު ޒާހިދު ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ. އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ.
ރޯވި އަލިފާންގަނޑުގެ ބޮޑުބައެއް މިހާރު ކޮންޓްރޯލްކޮށްފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަން އަދި ކަށަވަރެއް ނުކުރެވެ އެވެ. އަލިފާން ކޮންޓްރޯލުކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ފަޔާ ޓްރަކާއެކު އިމަޖެންސީ ސާވިސްގެ ޓީމު ވެސް ދަނީ އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުންނެވެ.










