ރާއްޖެއާއި އަރަބި އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދު މިއަދު ފެނިފައިނުވާތީ، މިއަހަރުގެ ފިތުރު އީދު ދުވަހަކީ މި މާޗު މަހުގެ 20 ވާ ހުކުރު ދުވަސް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އިއުލާނުކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބޭއްވި ހަނދު ބެލުމުގެ ޖަލްސާއަށްފަހު ނެރުނު ބަޔާނުގައި ބުނީ، މިއަދު އިރުއޮއްސުނު ވަގުތު ރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށް ޝައްވާލު މަހުގެ ހަނދު ފެނިފައިނުވާ ކަމަށެވެ. އެހެންކަމުން، މާދަމާއަކީ މި ހިނގާ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި، އީދު ދުވަހަކީ ހުކުރު ދުވަސް ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ސަރުކާރުން ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާތީ، ރޯދަމަހުގެ ފަހު ދިހައަކާއެކު މިއަހަރުގެ ކުޑަ އީދަށް ބޮޑު ބަންދެއް ރައްޔިތުންނަށް ލިބިގެންދާނެއެވެ. މިއީ ރާއްޖޭގައި މިގޮތަށް ބޮޑު ބަންދެއް ދޭން ފެށި ފުރަތަމަ ފަހަރެވެ.
އީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ރަސްމީކޮށް ހުޅުވޭނީ މި މާޗު މަހުގެ 22 ވާ އާދިއްތަ ދުވަހު ކަމަށްވެސް މައުލޫމާތު ލިބެއެވެ.










