ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 1،000 ހައުސިން ޔުނިޓު އެޅުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހައުސިން މިނިސްޓްރީން އިތުރުކޮށްފިއެވެ.
"އެފޯޑަބަލް ހޯމް އޯނަޝިޕް" ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަށް ކުރިން ޕްރޮޕޯޒަލް ހުށަހެޅުމަށް ދީފައިވާ މުއްދަތަކީ އަންނަ ހޯމަ ދުވަހެވެ. ނަމަވެސް، މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ވަނީ މި މަހުގެ ނިޔަލަށް އެ މުއްދަތު އިތުރުކޮށްދީފައެވެ.
މި މަޝްރޫއަކީ އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ރާއްޖޭގެ ރިއަލް އެސްޓޭޓް ޑިވެލޮޕަރުންގެ ގާބިލުކަން އިތުރުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ހައުސިން ޔުނިޓުތައް ޑިޒައިންކޮށް އިމާރާތް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ދިވެހި ކުންފުނިތަކަށެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ އެޕާޓްމަންޓުތައް ވިއްކޭނެ އެންމެ މަތީ އަގުތައް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ތިން ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ އެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
މި އެޕާޓްމަންޓުތަކުގެ ބޮޑުމިނަށް ބަލާއިރު، ތިން ކޮޓަރީގެ ޔުނިޓުތަކުގައި 950 އަކަފޫޓު ހުންނާނެއެވެ. އަދި ދެ ކޮޓަރީގެ ޔުނިޓުތަކުގައި ހުންނާނީ 700 އަކަފޫޓެވެ. މިނިސްޓްރީން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ކޮންމެ އިމާރާތެއްގެ މަދުވެގެން 70 އިންސައްތައަކީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް ވާންޖެހެއެވެ. މީގެ އިތުރުން، މި ތަންތަނުގައި ކާރު ޕާކުކުރާނެ ޖާގަ ވިއްކޭނެ އެންމެ މަތީ އަގަކީ 450،000 ރުފިޔާއެވެ.
ސަރުކާރުން އަންނަނީ މީގެ އިތުރުންވެސް ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ގެ ދަށުން ބީއެމްއެލް މެދުވެރިކޮށް އަޅާ 3،000 އަށް ވުރެ ގިނަ ފްލެޓުގެ މަސައްކަތް ހިމެނެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު އަމަލީ މަސައްކަތް ފެށި 3،260 ފްލެޓުގެ މަޝްރޫއު ފަސް ކޮންޓްރެކްޓަރަކާ ހަވާލުކޮށްގެން ކުރިއަށްދާއިރު، މި ފްލެޓުތައް އިމާރާތް ކުރަމުންދަނީ ހުޅުމާލެ 1، ހުޅުމާލެ 3 އަދި ވިލިމާލޭގައެވެ.









