އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ގެނައި އިސްލާހަކާއެކު، ރާއްޖޭގައި ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކުގައި ފެހި ކުލައިގެ ނަންބަރު ބޯޑު ބޭނުންކުރަން ޖެހޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މި ބަދަލަށް އަމަލުކުރުމަށްޓަކައި މިހާރު ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ ނަންބަރު ބޯޑު ބަދަލުކުރުމަށް 60 ދުވަހުގެ މުއްދަތެއް މިނިސްޓްރީން މިހާރު ވަނީ ދީފައެވެ.
އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް މިނިސްޓްރީން ގެނައި މި އިސްލާހަކީ އިލެކްޓްރިކް އުޅަނދުތައް ބޭނުންކުރުމަށް ހިތްވަރުދިނުމަށާއި އުޅަނދު ރަޖިސްޓްރީކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގެނައި ބަދަލެކެވެ. މި ބަދަލުގެ ސަބަބުން މަގުމަތީގައި ދުއްވާ އާދައިގެ އުޅަނދުތަކާއި އިލެކްޓްރިކް އުޅަނދުތައް ފަސޭހައިން ވަކިކުރަން އެނގޭނެއެވެ.
މި ބަދަލަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.


އަލަށް ގެނައި އިސްލާހުގައިވާ ގޮތުން، މިހާރު ރަޖިސްޓްރީކޮށްފައިވާ އިލެކްޓްރިކް އުޅަނދުތަކުގެ ވެރިފަރާތްތަކުން، ގަވާއިދު ގެޒެޓްކުރާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ނަންބަރު ބޯޑު ފެހި ކުލައަށް ބަދަލުކުރަން ޖެހޭނެއެވެ. މީގެ އިތުރުން، ބައެއް ބަރު އުޅަނދުތައް ރަޖިސްޓްރީކުރުމުގެ މަރުހަލާ ކުރިއަށްވުރެ ލުއިފަސޭހަވާނެ ގޮތްތަކެއްވެސް މި އިސްލާހުގެ ދަށުން ވަނީ ތައާރަފުކޮށްފައެވެ. މިއީ ދަތުރުފަތުރުގެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް ގެނައި ބަދަލެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީގެ އަމާޒަކީ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމާއެކު، މުޅި ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންކުރުމަށް ބާރުއެޅުން ކަމަށެވެ.








