ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ގޮވާމުގެ ބާވަތްތައް ބެހުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ޒަކާތު ހައުސް އިން މައުލޫމާތު ދީފައިވާ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ޒަކާތް ބެހުމުގެ މަސައްކަތް މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. އަދި ތަކެތި ބެހުމުގެ މަސައްކަތް މާލޭގައި ހުންނަ ސީއެޗްއެސްއީގެ ހޯލުގައި ކުރިއަށްދާނެ ކަމަށް ޒަކާތު ހައުސުން ވަނީ ބުނެފަ އެވެ
އެތަކެތި ބެހުމަށް ނިންމާފައި ވަނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކުގެ ތެރެއިން މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ މެދުގަ އެވެ.
އެގޮތުން ގޮވާމުން ފިތުރު ޒަކާތް ބަހާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށެވެ. އަދި މެންދުރު 13:00 އިން 15:00 އަށެވެ.
އޭގެ އިތުރުން މި ފަހަރުގެ ރޯދަމަހު ފުރަތަމަ 15 ގައި ފިތުރު ޒަކާތުގެ ގޮތުގައި 5،482،171 ރުފިޔާ ވަނީ ލިބިފާ ކަމަށް ޒަކާތު ހައުސުން ވަނީ ބުނެފަ އެވެ. އެގޮތުން މިދިޔަ އަހަރު އެ މުއްދަތުގައި ލިިބިފައި ވަނީ 4,460,199 ރުފިޔާ އެވެ. އެހެންކަމުން މި އަހަރު އެ މުއްދަތުގެ ތެރޭގައި ލިބުން ފިތުރު ޒަކާތުގެ އަދަދު ވަނީ 23 ޕަސެންޓު އިތުރުވެފަ އެވެ.









