މާލެ ސަރަހައްދުގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އަދި 24 މިސްކިތެއްގައި މިއަހަރުގެ ފިތުރު އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ރޭ ކުރި އިއުލާނެއްގައި ބުނީ، މާލޭގައި އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގައެވެ. އަދި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ މައިދާންތަކާއި މިސްކިތްތައް ހުންނާނީ އަންހެނުންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމުތަކާއެކު ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓަށް ބަލާއިރު، މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ މާފަންނު ސްޓޭޑިއަމްގައެވެ. ވިލިމާލޭގައި ނަމާދު ކުރާނީ ވިލިމާލެ ފުޓްބޯޅަ ދަނޑުގައެވެ. އަދި ހުޅުމާލޭގައި ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ސިންތެޓިކް ޓްރެކުގައެވެ.
މީގެ އިތުރުން، ހުޅުމާލެ ފޭސް ދޭއްގައި އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މަސްޖިދު ހަސަން އާދަމް އާއި، ނިރޮޅުމަގާއި ހީނާމާ ހިނގުމާއި ފޭރުގަސް މަގާއި ދުނބުރި ގަސްމަގާ އެއްކޮށް ހުންނަ ހުސްބިމުގައި ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
އީދު ނަމާދު ކުރާނެ މިސްކިތްތަކާއި މައިދާންތަކުގެ ތަފްސީލީ ލިސްޓެއް މިނިސްޓްރީން މިހާރު ވަނީ އާންމުކޮށްފައެވެ. މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި އީދު ނަމާދު ކުރުމުގެ އިންތިޒާމު މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.









