ކުރިއަށް އޮތް އިންތިހާބުތަކަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން، ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ވިދާޅުވެއްޖެ އެވެ.

އިންތިހާބު ބޭއްވުމަށް ބާކީ 20 ދުވަސް އޮތްއިރު، މިފަހަރުގެ ވޯޓުލުން ކުރިއަށްދާނީ ތިން އިންތިހެބެއް އެއްކޮށެވެ. އީސީން މަޢުލޫމާތު ދޭގޮތުގައި، ކޮންމެ އިންތިހާބަކަށް ވަކި ވޯޓު ކަރުދާހެއް ދޫކުރާނެ އެވެ. އަދި ކޮންމެ އިންތިހާބަކަށް ހާއްސަކޮށްފައިވާ ވަކި ވޯޓު ފޮށްޓެއް ބަހައްޓާނެ އެވެ.

މި އިންތިހާބުގައި ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. ވޯޓުލުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:-

  1. މާލޭގައި: 180 ފޮށި
  2. ހުޅުމާލޭގައި: 51 ފޮށި
  3. ވިލިމާލޭގައި: 9 ފޮށި
  4. އަތޮޅުތަކުގައި: 322 ފޮށި
  5. ރިސޯޓުތަކުގައި: 21 ފޮށި
  6. ޖަލުތަކުގައި: 5 ފޮށި

މިފަހަރު ތިން ކަމަކަށް ވޯޓުލުން ކުރިއަށްދާއިރު، ކޮންމެ މީހަކުވެސް އެމީހަކަށް ލިބޭ ވޯޓު ކަރުދާސްކޮޅު ލެވެނީ އެކަމަކަށް ހާއްސަ ކުރެވިފައިވާ ރަނގަޅު ފޮއްޓަށްތޯ ޔަގީންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފަ އެވެ. މިއީ ވޯޓުލުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އާންމުން ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެއްކަމަށް އެ ކޮމިޝަނުން ފާހަގަކުރެ އެވެ.

ވޯޓުލުން ކުރިއަށްދާނީ އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު ހެދުނު 08:00 އިން ފެށިގެން 16:00 އާ ހަމައަށެވެ.