ދިވެހިރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދުތައް ބޭނުންކުރުން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، އެފަދަ އުޅަނދުތަކުގައި "ގްރީން ނަންބަރު ބޯޑު" ނުވަތަ ފެހި ކުލައިގެ ނަންބަރު ބޯޑު ހަރުކުރާ ގޮތަށް ސަރުކާރުން ނިންމަވައިފި އެވެ.
މި އައު ނިންމެވުން އިއުލާންކުރައްވަމުން މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވިދާޅުވީ، މިއީ ރާއްޖޭގައި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ބިނާކުރުމަށްޓަކައި ފެށި މުހިންމު މަޝްރޫއެއް ކަމަށެވެ. މި ނިޒާމުގެ ދަށުން އިލެކްޓްރިކް އުޅަނދުތައް (އީވީ) ފާހަގަކުރުމަށްޓަކައި ހާއްސަ ފެހި ކުލައިގެ ނަންބަރު ބޯޑު ބޭނުންކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އައު އުސޫލުގައިވާ ގޮތުން އަމިއްލަ ބޭނުންތަކަށް ދުއްވާ އިލެކްޓްރިކް ކާރުތަކުގައި ހަރުކުރާނީ ފެހި ކުލައިގެ ބޯޑެއްގައި ހުދު އަކުރުން ލިޔެފައިވާ ނަންބަރު ބޯޑެވެ. އަދި އިލެކްޓްރިކް ޓެކްސީތަކުގައި ބޭނުންކުރާނީ ފެހި ކުލައިގެ ބޯޑެއްގައި ރީނދޫ އަކުރުން ލިޔެފައިވާ ނަންބަރު ބޯޑެވެ.
މިނިސްޓާ އަމީން ވަނީ މި "އީވީ ޕްލޭޓް" ތަކުގެ ކުރެހުންތައް ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި، ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަށް ބަދަލުވުމަށް އާންމުންނަށް ބާރުއަޅުއްވާފަ އެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތިމާވެށީގެ ރައްކާތެރިކަމަށް ވެވަޑައިގެންފައިވާ ވައުދުފުޅުތަކާ އެއްގޮތަށް، ދުނިޔޭގެ މޫސުމީ ސަމިޓް (ކޮޕް29)ގެ ފަހުން ފެށި މަސައްކަތެކެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި ހަކަތަ އިސްރާފުކުރުން ކުޑަ، ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވިއުގައެއް ގާއިމުކުރުމެވެ.
މި މަސައްކަތުގެ ދަށުން މުޅިން އިލެކްޓްރިކް ޓެކްސީގެ ހިދުމަތް ތައާރަފުކުރުމަށް ޓަކައި 150 އަށްވުރެ ގިނަ އުޅަނދު ރާއްޖެއަށް ގެނައުމުގެ މަސައްކަތް ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ ކުރަމުންނެވެ.
ރާއްޖޭގައި މިހާރު އުޅަނދުތަކުގެ ނަންބަރު ބޯޑު ބޭނުންކުރަނީ، އަމިއްލަ އުޅަނދުތަކުގައި ކަޅު ބޯޑު، ޓެކްސީތަކުގައި ރީނދޫ ބޯޑު، ސިފައިންގެ އުޅަނދުތަކުގައި ހުދު ބޯޑު އަދި ޑިޕްލޮމެޓިކް އުޅަނދުތަކުގައި ބޭނުންކުރަނީ ނޫ ބޯޑެވެ.









