މިއަހަރުގެ ފިތުރު ޒަކާތް ގޮވާމުން ބަލައިގަތުމުގެ މަސައްކަތް މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ފަށައިފިއެވެ.
މިއީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޒަކާތް ބަލައިގަތުމަށާއި، ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ ފޯރުކޮށްދިނުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަމަޖެއްސި އިންތިޒާމެކެވެ.
މާލެ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) ގައެވެ. ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނީ މި މަހުގެ 14، 15، 16 އަދި 18 ވަނަ ދުވަހުއެވެ.
ޒަކާތް ބަލައިގަންނާނީ، މި މަހުގެ 14 އަދި 15 ވަނަ ދުވަހު, ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. އަދި 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް، އަދި މެންދުރުފަހު 13:00 އިން 15:00 އަށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް، އަދި އާޓާ ފުށެވެ. ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެ މީހަކު އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.









