މިއަހަރުގެ "ދުނިޔޭގެ ފައިސާގެ ހަފުތާ" (ގްލޯބަލް މަނީ ވީކް) ފާހަގަކުރުމުގެ ގޮތުން، މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކުރާ "ސްމާޓް މަނީ ޓޯކްސް: މާހިރުންނާއެކު ޒުވާނުންގެ މަޝްވަރާ" ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ސްކޫލް ދަރިވަރުންނަށް މިއަދު ހުޅުވާލައިފި އެވެ.
މި ބައްދަލުވުމަކީ މާލީ ކަންކަމަށް ދަރިވަރުން ހޭލުންތެރިކުރުވުމަށާއި، ފައިސާ މެނޭޖުކުރުމާ ގުޅޭގޮތުން ދާއިރާގެ މާހިރުންގެ ފަރާތުން މައުލޫމާތު އޮޅުންފިލުވައި، މަޝްވަރާ ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
އެމްއެމްއޭ އިން ބުނީ، މި ހަރަކާތުގައި ބައިވެރިވެވޭނީ ގްރޭޑް 5 އިން ފެށިގެން 12 އާ ދެމެދުގެ ދަރިވަރުންނަށް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ޖުމްލަ 50 ދަރިވަރުންނަށް ދޭން ނިންމައިފައިވާއިރު، ޖާގަ ކަށަވަރުކުރުމުގައި އިސްކަންދެވޭނީ ނަން ނޯޓުކުރާ ތަރުތީބުން (ފަސްޓް ކަމް ފަސްޓް ސާވް އުސޫލުން) ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދަރިވަރުންނަށް މިހާރު ވަނީ ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ރަޖިސްޓަރީ ކުރެއްވުމަށް ބޭނުންކުރާނީ އެމްއެމްއޭ އިން މިކަމަށް ހާއްސަކޮށްފައިވާ ލިންކް https://forms.office.com/r/tch7RPEKP9 އެވެ.
"ދުނިޔޭގެ ފައިސާގެ ހަފުތާ" އަކީ ކޮންމެ އަހަރަކުވެސް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ހަފުތާއެކެވެ. މި ހަފުތާގެ މައިގަނޑު މަގްސަދަކީ ކުޑަކުދިންނާއި ޒުވާނުން މާލީ ކަންކަމަށް އަހުލުވެރިކުރުވައި، މުސްތަގުބަލުގައި އެކުދިންނަކީ މާލީ ގޮތުން ޒިންމާދާރު ބަޔަކަށް ހެދުމެވެ. މިގޮތުން އެމްއެމްއޭ އިން ކޮންމެ އަހަރަކުވެސް އަންނަނީ މި ހަފުތާއާ ގުޅިގެން ތަފާތު ތައުލީމީ އަދި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގަމުންނެވެ.









