ރާއްޖޭގެ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް ކުރެވޭ ބަހުސްގައި، ކުރީގެ ބަންޑާރަނައިބު އަލްއުސްތާޒާ ފާތިމަތު ދިޔާނާ ސައީދު އެކަމަށް ތާއީދުކުރައްވައި ވާހަކަދައްކަވައިފި އެވެ.
ދިޔާނާ މިކަމާ ގުޅޭގޮތުން ޚިޔާލު ފާޅުކުރެއްވީ، އެއް ތާރީހެއްގައި ދެ އިންތިހާބު ބޭއްވުމާ ދެކޮޅަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ. ދިޔާނާ ވިދާޅުވީ ފަނޑިޔާރު ސުއޫދު ދެއްކެވި ހުއްޖަތްތައް ގަބޫލުކުރަން ދަތި ކަމަށެވެ.
ދިޔާނާ ފާހަގަކުރެއްވި ގޮތުގައި، މިހާރު ރާއްޖެއަށް އެންމެ މުހިންމު ކަމަކީ ސަރުކާރު ޖަވާބުދާރީ ކުރެވޭ ފަދަ ހަރުދަނާ މަޖިލީހެއް ލިބިގަތުމެވެ. ސުއޫދު ފާހަގަކުރެއްވި ކްރިޓިކަލް ނުވަތަ ނާޒުކު ކަންކަން ހާސިލުނުވެ އޮތް އެންމެ ބޮޑު ސަބަބަކީ ވެސް އެފަދަ މަޖިލީހެއް މިހާތަނަށް ލިބިފައި ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މިހާރު އަމަލުކުރަމުންދާ ދެ އިންތިހާބުގެ ދެމެދުގައި ހަ މަސްދުވަހުގެ ފަރަގެއް އޮންނަ 'ސްޓެގާޑް' ނިޒާމަކީ ރާއްޖޭގެ މާހައުލުގައި ފެއިލްވެފައިވާ ނިޒާމެއްގެ ގޮތުގައި ދިޔާނާ ސިފަކުރެއްވި އެވެ. އޭނާ ވިދާޅުވީ ވޭތުވެދިޔަ 15 ވަރަކަށް އަހަރު ތެރޭގައި އެ ނިޒާމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރެވޭނެ މަޖިލީހެއް ލިބިފައި ނުވާ ކަމަށެވެ.
އެހެންކަމުން، މިހާރު ހުރި އެހެން އިޚްތިޔާރުތަކަށް ބަލަންޖެހޭ ކަމަށާއި، 'ކޮންކަރަންޓް' ނުވަތަ އެއް ތާރީޚެއްގައި ބާއްވާ އިންތިހާބުތައް ޓެސްޓުކުރުން މުހިންމު ކަމަށް ދިޔާނާ ވިދާޅުވި އެވެ.
މި ބަދަލުގެ ސަބަބުން ލިބޭނެ އިތުރު ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ދިޔާނާ ވިދާޅުވީ، އެއް ތާރީހެއްގައި ދެ އިންތިހާބު ބޭއްވުމުން އިންތިޚާބުތަކަށް ހިނގާ އިދާރީ ޚަރަދުތައް ކުޑަވާނެ ކަމަށެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމަށް އޮންނަ ފުރުސަތުތައް ވެސް މިކަމުގެ ސަބަބުން ހަނިވެގެންދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ރާއްޖޭގެ އިންތިހާބީ ނިޒާމަށް މިފަދަ ބޮޑު ބަދަލެއް ގެނައުމާ ގުޅޭގޮތުން ގާނޫނީ އަދި ސިޔާސީ ދާއިރާގެ އިސް ބޭފުޅުންގެ މެދުގައި ދަނީ ބޮޑެތި ބަހުސްތަކެއް ކުރެވެމުންނެވެ.









