އދ. ދިގުރަށުގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ފަސް ބިދޭސީއަކު މަރުވެއްޖެ އެވެ.
ރޭ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގަ އެވެ.
ފުލުހުން ބުނި ގޮތުގައި ހާދިސާ ހިނގި ވަގުތު އެތާ ތިބި ގިނަ ބިދޭސީން ތިބީ ނިދާފަ އެވެ.
ދިގުރަށުން ވާހަކަ ދެއްކި ބަޔަކު ބުނެފައި ވާގޮތުގައި އެ ހާދިސާ ދިމާވީ މެދުވެރިވީ ދަންވަރު ދެ މީހަކު ކައްކަން އުޅުމުގެ ތެރޭގައެވެ. އަދި ނިދާފައި ތިބި މީހުންނަށް އެކަން ރޭކާލުމުގެ ކުރިން އަލިފާންގަނޑު މާ ބޮޑަށް ފެތުރުނީ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
އެ މީހުން ބުނީ ރޯވީ ގޭސް ފުޅިން ގޭސް ލީކުވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް ފުލުހުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ރޭ ހިނގި ހާދިސާގައި މަރުވި ފަސް މީހުންގެ އިތުރުން 3 މީހަކަށް ބޮޑެތި ޒަހަމްތަކެއް ލިބުމުގެ ސަބަބުން އަންނަނީ ފަރުވާ ކުރަމުންނެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ ވަރަށް ބޮޑަށް ފިހިފައި އެވެ. އެ ދެ މީހުން އޮތީ ވެންޓިލޭޓަރުގައެވެ.
ފުލުހުން ބުނީ ހާދިސާ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، ހާއްސަ ތަހުގީގު ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.









