އެމެރިކާއާއި އިޒްރާއީލް ގުޅިގެން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމާއި ފްލައިޓްތައް ކެންސަލްވުމާ ގުޅިގެން ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑު ބުރޫއެއް އަރާފައެވެ. އެގޮތުން ހަމައެކަނި ދުބާއީންވެސް އެއް ހަފުތާ ތެރޭގައި 80،000 އަށްވުރެ ގިނަ ބުކިންތައް ވަނީ ކެންސަލްކޮށްފައެވެ. މީގެ އިތުރުން، ވޭތުވެދިޔަ ހަފުތާގައި ފްލައިޓްތައް މެދުކެނޑުމުގެ ސަބަބުން ގާތްގަނޑަކަށް 4 މިލިއަން ދަތުރުވެރިން ވަނީ އެކި ތަންތަނުގައި ތާށިވެފައެވެ.
މި ހަމަނުޖެހުންތަކުގެ ސީދާ އަސަރު ދުބާއީގެ އެންމެ އަގުބޮޑު އަދި މަޝްހޫރު ހޮޓާތަކަށްވެސް ވަނީ ކޮށްފައެވެ. އެގޮތުން ދުނިޔޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ބުރުޖް އަލް އަރަބް ހޮޓަލަށް މިސައިލްގެ ބައިތައް ވެއްޓިފައިވާއިރު، ފެއާމައުންޓް ދަ ޕާމް ހޮޓަލަށް ވަނީ ސީދާ ހަމަލާއެއް އަރާފައެވެ. މިއީ އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ރައްކާތެރިކަމާމެދު އޮތް ބިރުވެރިކަން އިތުރުވެގެންދިޔަ ކަމެކެވެ.
ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން ކުރިން ލަފާކޮށްފައިވަނީ މިއަހަރު މެދުއިރުމަތީގެ ފަތުރުވެރިކަމުން 207 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. ނަމަވެސް މިހާރު އުފެދިފައިވާ ބިރުވެރިކަމުގެ ސަބަބުން، އާއިލާތަކުން ޗުއްޓީ ހޭދަކުރުމަށް މެދުއިރުމަތީގެ ބަދަލުގައި އަމާން އެހެން މަންޒިލްތައް އިހްތިޔާރު ކުރުމުގެ ފުރުސަތު ބޮޑުކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ.
މިފަދަ ބޮޑެތި ގޮންޖެހުންތަކާއެކުވެސް، މެދުއިރުމަތީގެ ފަތުރުވެރިކަމަކީ މީގެ ކުރިންވެސް ހަމަނުޖެހުންތަކަށްފަހު ވަރަށް އަވަހަށް އިއާދަވެފައިވާ ސިނާއަތެކެވެ. ބައެއް މާހިރުން ގަބޫލުކުރާ ގޮތުގައި ހަމަނުޖެހުންތައް ނިމުމަކަށް އައުމާއެކު، އެ ސަރަހައްދުގެ މަގުބޫލުކަމުގެ ސަބަބުން ފަތުރުވެރިން އަލުން އަންނަން ފަށާނެ ކަމަށް ބެލެވެއެވެ.










