އީރާނާ ދެކޮޅަށް އެމެރިކާއިން މިހާރު ކުރަމުންދާ ހަނގުރާމަ ދެވަނަ ހަފުތާއަށް ދިގުދެމިގެން ގޮސްފައިވާއިރު، ހަނގުރާމަ ވީހާ އަވަހަކަށް ހުއްޓާލުމަށް ރައީސް ޓްރަމްޕުގެ މުޝީރުން އޭނާއަށް ދަންނަވަން ފަށައިފިއެވެ.
ޚަބަރުތައް ބުނާ ގޮތުން ރައީސް ޓްރަމްޕްގެ އަރިސް ބައެއް މުޝީރުން އަމިއްލަފުޅު ގޮތުން ރައީސަށް އިލްތިމާސް ކުރައްވަމުން ގެންދަވަނީ ސާފު އަދި ހަރުދަނާ ސިޔާސަތެއްގެ ދަށުން އެމެރިކާ ހަނގުރާމައިން ވަކިކުރުމުގެ ރޭވުމެއް އަވަހަށް ހުށަހެޅުއްވުމަށެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި އެމެރިކާގެ ޢަސްކަރިއްޔާގެ މަގުސަދުތައް ބޮޑު ތަނަކުން ހާސިލު ކުރެވިފައިވާތީ، އިތުރަށް ދިގު ފިޔަވަޅުތަކެއް އެޅުމުގެ ބޭނުމެއް ނެތް ކަމަށް ރައީސަށް ލަފާދެއްވާ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
އަނެއްކޮޅުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް ދިޔަ ފަހުން އެމެރިކާގެ އިގުތިސާދަށް ޕްރެޝަރު އިތުރުވެދާނެ ކަމުގެ ބިރު ވެސް ވަނީ އުފެދިފައެވެ. އެކަމުގެ ސަބަބުން އެމެރިކާގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުގެ ކަންބޮޑުވުން ވެސް ވަނީ އިންތިހާއަށް އިތުރުވެފައެވެ.
ދާދިފަހުން ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި އެމެރިކާގެ ގިނަ އަދަދެއްގެ ރައްޔިތުން އީރާނާ ދެކޮޅަށް ރައީސް ޓްރަމްޕް އަޅުއްވަން ފެއްޓެވި ޢަސްކަރީ ފިޔަވަޅާ ދެކޮޅު ކަމަށާއި، ވޯޓުލާ މީހުންގެ %53 މީހުން ތިބީ އެމެރިކާއިން އީރާނަށް ދޭ ހަމަލާތަކާ ދެކޮޅު ކަމަށް ބުނެފައެވެ.
އެމެރިކާއާއި އީރާނުގެ ހަނގުރާމަ: ވޮޝިންޓަންގެ އަސްލު އަމާޒަކީ ކޮބާ؟
ރިޕޯޓްތައް ބުނާ ގޮތުގައި ރިޕަބްލިކަން ޕާޓީގެ ބައެއް ލީޑަރުން ވެސް ވަނީ ވައިޓް ހައުސްއާ ގުޅައިގެން މި ހަނގުރާމައިގެ ސަބަބުން ކުރިއަށް އޮތް މެދު ދައުރުގެ އިންތިޚާބަށް ނޭދެވޭ ސިޔާސީ އަސަރުތަކެއް ކޮށްފާނެ ކަމުގެ ބިރު ފާޅުކޮށްފައެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ ހޯމަ ދުވަހު ފްލޮރިޑާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޓްރަމްޕް ވަނީ ޢަސްކަރީ ފިޔަވަޅުތައް ހަނިކުރެވިދާނެ ކަމަށް އިޝާރާތް ކުރައްވާފައެވެ.
އޭނާ ވަނީ މި ހަމަނުޖެހުން ކުރު ކެމްޕޭނެއްގެ ގޮތުގައި ސިފަކުރައްވައި، ހީކުރި ވަރަށް ވުރެ މާ ކުރިން އެ އޮޕަރޭޝަންގެ އަމާޒުތައް ހާސިލު ކުރުމާ ގާތަށް އާދެވިފައިވާ ވާކަމަށް ވިދާޅުވެފަ އެވެ.
އީރާނުގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ހަނގުރާމައިގެ މަގުސަދުތައް ބޮޑުތަނުން ހާސިލުވެފައިވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވި ނަމަވެސް އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި މިހާރު ސަރުކާރުން ވިސްނަނީ، ޢަސްކަރީ ކާމިޔާބީތަކުގެ އިތުރުން އެގައުމުގެ ތެރޭގައި ތެލާއި މުދަލުގެ އަގު ބޮޑުވުމުގެ ޕްރެޝަރުތަކަށެވެ.
ރައީސް ޓްރަމްޕު ވެސް މިހާރު ހަނގުރާމަ ހުއްޓާލުމާ ބެހޭ ވާހަކަތައް ވަރަށް ގިނަގިނައިން ދައްކަވަމުން އެބަ ގެންދަވައެވެ.










