އައްޑޫ ސިޓީގެ ތަރައްގީއަށް ބޭނުންވާ މާލީ އަދި ޑިޖިޓަލް ވަސީލަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޮތީ ތައްޔާރަށް ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ޝަރީފު ވަނީ ބޭންކުން އަލަށް ތައާރަފުކުރި ޑިޖިޓަލް ވޮލެޓް "ސްވައިޕް" އާ ގުޅޭގޮތުން އަލިއަޅުވާލައްވާފަ އެވެ. ޝަރީފު ވިދާޅުވި ގޮތުގައި މި ވޮލެޓަކީ ދުނިޔޭގެ ޑިޖިޓަލް މާލީ ބާޒާރުގައި ރާއްޖެއާއި ރާއްޖޭގެ ފިންޓެކްގެ ހުނަރުވެރިކަން ދައްކުވައިދޭ، 100 އިންސައްތަ ދިވެހި އުފެއްދުމެކެވެ. މިއީ މި ސަރަހައްދުގެ އެންމެ މޮޅު ޑިޖިޓަލް ބޭންކަށް ވުމަށް ބީއެމްއެލް އިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.
ޝަރީފު އިތުރަށް ވިދާޅުވީ ސްވައިޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ވަގުތުން ފައިސާ ފޮނުވޭނެ ކަމަށެވެ. އަދި ކޮންމެ ގައުމަކުން ވެސް އެ މީހެއްގެ މަލްޓި ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަނެވޭނެ ކަމަށް ބުންޏެވެ. މީގެ އިތުރުން ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފައިވާ ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ބޭނުންކޮށްގެން ވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެއެވެ. ބީއެމްއެލް އެކައުންޓުތަކަށް ފައިސާ ފޮނުވުމާއި ފައިސާ ނެގުމުގެ ފުރުސަތު ވެސް މި ވޮލެޓުން ފަހިކޮށްދެއެވެ.
ޝަރީފު ވިދާޅުވީ ވިޔަފާރިތަކަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ ސްވައިޕް މެދުވެރިކޮށް ކަސްޓަމަރުން ފައިސާ ދެއްކުމުން، ބަންދު ދުވަހެއް ކަމަށް ވިޔަސް، ވަގުތުން އެ ވިޔަފާރިއަކަށް ފައިސާ ޖަމާވުން ކަމަށެވެ. ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ވިޔަފާރިތަކުން ނަގާނީ އެންމެ 1 އިންސައްތައިގެ ފީއެކެވެ. މިއީ މިހާރު އެހެން ވޮލެޓުތަކުން ނަގާ 2.5 އިންސައްތައަށް ވުރެ ކުޑަ އަދަދެކެވެ.
އަދި މީގެ އިތުރުން "ވިޒިޓް މޯލްޑިވްސް"ގެ ރަސްމީ ވޮލެޓުގެ ގޮތުގައި ކަނޑައަޅާފައިވާ ސްވައިޕަކީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ވެސް ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެކަން ފާހަގަ ކުރެއްވިއެވެ. ޕޭޕަލް އަދި ވައިސް ފަދަ ވޮލެޓުތަކުން ފައިސާ ދައްކާއިރު ބޮޑެތި ޗާޖުތަކެއް ނެގި ނަމަވެސް، ސްވައިޕް މެދުވެރިކޮށް ރާއްޖެއިން ބޭރުން ގެންނަ ފައިސާއަށް އެއްވެސް ފީއެއް ނުނަގާނެއެވެ. މިއީ ފްރީލާންސަރުންނާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ބޭރުގެ ކްލައިންޓުންގެ އަތުން ފައިސާ ހޯދުމަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.
މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. މީގެ ތެރޭގައި ޕާސަން-ޓު-ޕާސަން ޓްރާންސްފާ، ކިއުއާރް ޕޭމަންޓް، ހަރަދުތަކުގެ ތަފާސް ހިސާބު ބަލާލުން އަދި ޕޭމަންޓް ލިންކް ޝެއާކުރުން ފަދަ ޒަމާނީ ހިދުމަތްތައް ހިމެނެ އެވެ.
ސީއީއޯ ޝަރީފު ވިދާޅުވި ގޮތުގައި ބީއެމްއެލްގެ އަމާޒަކީ މިފަދަ ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގެ އިގްތިސާދީ ކުރިއެރުމުގައި މުހިންމު ދައުރެއް އަދާކުރުމެވެ.









