ހައްދުފަހަނަ އަޅާފައިވާ އިސްރާއީލާއި އެމެރިކާ އިން އީރާނުގެ އަންހެނުންނާއި ކުޑަކުދިންނާއި އެ ޤައުމުގެ ވެރިންނާއި އަދި ޚާއްޞަކޮށް ރޫޙާނީ ލީޑަރު ޚާމަނާއީ އާއި އެތައް ޢާންމު ރައްޔިތުންނެއް މަރަމުން ދާތީވެ އެ ކަމުގެ ރައްދުގައި އީރާނުން އެމެރިކާގެ ބޭސްތަކާއި އިޒުރޭލަށް ދެމުންދާ ޙަމަލާތައް އދ. އިން ކުށްވެރިކޮށް ޤަރާރެއް ނެރެފިއެވެ. އެމެރިކާގެ ބޭސްތައް ހުންނަ ބަހްރައިން، ސައުދީ ޢަރަބިއްޔާ، ޔޫއޭއީ، ޤަޠަރު، ކުވައިތު، އަދި އޮމާން ފަދަ ޤަލްފް ޤައުމުތަކަށް އީރާނުން ދޭ ޙަމަލާތައް ކުށްވެރިކޮށް އދ. ގެ ސަލާމަތީ މަޖިލީހުން (ޑަބްލިޔުއެސްސީ) ޤަރާރު 2817 (2026) ފާސްކޮށްފައި ވަނީ 13 ވޯޓުގެ ތާއީދާއި އެކުގައެވެ. ރަޝިޔާ އާއި ޗައިނާ ވޯޓެއް ނުދެއެވެ.
ފާސްކުރި މި ޤަރާރުގައި ބުނެފައި ވަނީ އީރާނުން ސަރަޙައްދީ ސުލްޙަ އާއި ސަލާމަތަށް ނުރައްކާވާ ހުރިހާ ޙަމަލާތައް ހުއްޓުވުމަށެވެ. އެ ޤަރާރާ ދެކޮޅަށް އެއްވެސް ޤައުމަކުން ވޯޓެއް ނުދެއެވެ.
އދ. ގެ ކައުންސިލުން ވަނީ މި ޙަމަލާ ތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފުވުން ކަމަށް ސިފަކޮށް، ޢާންމުންގެ މުދަލަށާއި ބައިނަލްއަޤްވާމީ ވިޔަފާރީގެ ދޮރުތައް ބަންދުކޮށްފައިވާތީ އެކަން ހުއްޓުވުމަށް ބާރު އަޅާފައެވެ.
އީރާނާއި ދެކޮޅަށް އދ. އިން މި ޤަރާރު ނެރެފައި ވަނީ އީރާނުގެ 21,700 އަށް ވުރެ ގިނަ ޢިމާރާތަށް ގެއްލުންދީ އެތައް ސަތޭކަ ބަޔަކު މަރުވެ ޙާލުގައި ޖެހިފައިވާ ދަނޑިވަޅެއްގައެވެ.










