މިއަހަރުގެ ފިތުރު ޒަކާތް ގޮވާމުން ބަލައިގަތުމުގެ އިންތިޒާމުތައް މޯލްޑިވްސް ޒަކާތު ހައުސްއިން ހަމަޖައްސައިފި އެވެ.
މާލެ ސަރަހައްދުގައި ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ)ގައެވެ.
ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 14، 15، 16 އަދި 18 ވަނަ ދުވަހު އެވެ.
އެގޮތުން 14 އަދި 15 ވަނަ ދުވަހު ޒަކާތް ބަލައިގަންނާނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. އަދި 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް، އަދި މެންދުރުފަހު 13:00 އިން 15:00 އަށް ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަންނާނީ، އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް، އަދި އާޓާ ފުށުންނެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ އެ މީހަކު އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. މި އިންތިޒާމަކީ ދިވެހި ސަރުކާރުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޒަކާތް ބަލައިގަތުމަށާއި، ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަމަޖެއްސި އިންތިޒާމެކެވެ.









