މާލެ ސަރަހައްދުގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ ޓެކްސީ ލައިންގެ ހިދުމަތަށް އަލަށް ނަގާފައިވާ މުވައްޒަފުން އަހުލުވެރިކުރުވުމަށް ޓަކައި ހާއްސަ ތަމްރީނުތަކެއް އިއްޔެ ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި، މި ތަމްރީނުތަކުގެ މައިގަނޑު މަގްސަދަކީ ދެވޭ ހިދުމަތް އެއް މިންގަނޑެއްގައި ހިފެހެއްޓުމާއި، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު އެންމެ މަތީ ދަރަޖައަކަށް ރަނގަޅު ކުރުމެވެ.
މި ތަމްރީނުތައް ކުރިއަށް ގެންދަނީ އެ ކުންފުނީގެ ޓްރާންސްޕޯޓް ސާވިސް ޑިވިޝަންގެ އިންހައުސް ތަމްރީނުދޭ މާހިރުންނެވެ.
މިއަދު ކުރިއަށް ގެންދިޔަ ސެޝަންތަކުގައި، ޓެކްސީ ލައިންގެ ހިދުމަތުގެ ސްޓޭންޑަޑް އޮޕޭރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ތަކަށް މުވައްޒަފުން ވަނީ އަހުލުވެރިކުރުވާފައެވެ. މީގެ އިތުރުން، ޕްރޮފެޝަނަލްކޮށް ކަސްޓަމަރުންނާ މުއާމަލާތް ކުރާނެ ގޮތްތަކާއި، ހިދުމަތް ދިނުމުގައި ގެންގުޅެންޖެހޭ އަދަބުތަކާއި މިންގަނޑުތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ، މި ހިދުމަތަށް ބޭނުންވާ 150 ކާރު މިހާރު ވަނީ ރާއްޖެ ގެނައުމުގެ މަގުމަތީގައި ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ރަމަޟާން މަސް ނިމުމުގެ ކުރިން ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފެށުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ހިދުމަތް ފެށުމަށް ޓަކައި ޖުމްލަ 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރޭގައި ފުލްޓައިމްކޮށް މަސައްކަތް ކުރާނެ 285 ޑްރައިވަރުންނާއި، ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ 122 ޑްރައިވަރުން ހިމެނެއެވެ.
އެމްޓީސީސީން އިތުރަށް ބުނެފައިވަނީ، ހިދުމަތް ފެށުމަށް ޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އަދި ޓީމުގައި ހިމެނޭ ހުރިހާ މުވައްޒަފުންނަކީ ފަންނީ ގޮތުން ގާބިލު، އަދި ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށް ތައްޔާރުވެފައިވާ ބަޔަކަށް ހެދުމަށް އެ ކުންފުނިން ބޮޑު އިސްކަމެއްދޭ ކަމަށް ވަނީ ބުނެފައެވެ.









