ދިވެހިރާއްޖެއިން އޮސްޓްރިއާއަށް ކަނޑައެޅި އާ ނޮން-ރެސިޑެންޓް ސަފީރު، ޑރ. ސަލްމާ ރަޝީދު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އޮސްޓްރިއާގެ ރައީސަށް އަރުވައިފި އެވެ.
އޮސްޓްރިއާގެ ވެރިރަށް ވިއެންނާގައި ހުންނަ ހޮފްބާގް ޕެލަސްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޑރ. ސަލްމާގެ ފަތްކޮޅު އެރުވީ އޮސްޓްރިއާގެ ރައީސް ޑރ. އެލެގްޒެންޑާ ފެން ޑާ ބެލެންއަށެވެ.
ފަތްކޮޅު އެރުވުމަށްފަހު ބޭއްވުނު ބައްދަލުވުމުގައި، ސަފީރު ޑރ. ސަލްމާ ވަނީ ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން، އޮސްޓްރިއާގެ ރައީސަށާއި ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދުކޮށްދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިޤްތިޞާދީ ދާއިރާއާއި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
މި ދަތުރުފުޅުގެ ތެރެއިން ޑރ. ސަލްމާ ވަނީ އޮސްޓްރިއާގެ ފެޑަރަލް މިނިސްޓްރީ ފޯ ޔޫރަޕިއަން އެންޑް އިންޓަނޭޝަނަލް އެފެއާޒްގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުންތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި އެވެ.
ފަތްކޮޅު އެރުވުމުގެ މި ރަސްމިއްޔާތުގައި ސަފީރުގެ އަރިހުގައި، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ ސެކަންޑް ސެކްރެޓަރީ އާއިޝަތު ރަޔާހީން ބައިވެރިވެވަޑައިގެންނެވި އެވެ.
ޑރ. ސަލްމާ ރަޝީދަކީ ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަ ރާއްޖޭގެ ދާއިމީ މަންދޫބުގެ އިތުރުން، ސްވިސް ކޮންފެޑަރޭޝަނަށް ކަނޑައަޅާފައި ހުންނަ ނޮން-ރެސިޑެންޓް ސަފީރުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.










