މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ރަސްމިއްޔާތު މި ހިނގާ މާރިޗު މަހުގެ 18 ވާ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.
ޑީޖޭއޭ އިން ހާމަކުރެއްވި ގޮތުގައި، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ޝައްވާލް މަހުގެ ހަނދު ބެލުމާއި، ހަނދު ފެނިގެން ހެކިބަސް ދޭން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އިންތިޒާމުތައް އެ ޑިޕާޓްމަންޓުން ވަނީ ފުރިހަމަކޮށްފައެވެ.
އެގޮތުން، ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭންވާނީ މާލޭގައި ނަމަ ކޯޓެއްގެ ފަނޑިޔާރެއްގެ ކުރިފުޅުމަތީގައެވެ. އަތޮޅުތަކުގެ ރަށްރަށުގައި ނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައެވެ. އަދި މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއް ނަމަ، އެ ވަގުތަކު އެ ކޯޓަކާ ހަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ޑީޖޭއޭ އިން މައުލޫމާތު ދެއެވެ.
ޝައްވާލް މަހުގެ ހަނދާ ގުޅޭގޮތުން ވަކި ގޮތެއް ނިމެންދެން، ރަމަޟާން މަހުގެ 29 ވާ 18 މާރިޗުވާ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭގެ އިތުރުން ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ކައުންސިލް އިދާރާތައް ހުޅުވާފައި ހުންނާނެއެވެ.
ހަނދު ފެނިގެން މައުލޫމާތު ހިއްސާކުރާއިރު، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މުހިންމު ތަފްސީލުތައް ހުށަހަޅަންވާނެއެވެ. މީގެ އިތުރުން، ހެކިބަސް ދިނުމަށްޓަކައި އެހެން ރަށަކަށް ދަތުރުކުރަން ޖެހިއްޖެ ނަމަ، އެ ފަރާތެއްގެ ދަތުރު ހަރަދު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ހާއްސަ ޖަލްސާއެއް ވެސް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެނިއްޖެ ނަމަ، ވީ އެންމެ އަވަހަކަށް ކަމާބެހޭ އިދާރާތަކަށް ހާޒިރުވެ އެ މައުލޫމާތު ހިއްސާކުރުމަށް ޑީޖޭއޭ އިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ މި މަހުގެ 20 ވާ ބުދަ ދުވަހެވެ.










