މި އަހަރުގެ ރަމަޟާން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، ފިރުރު ޒަކާތުގެ ގޮތުގައި ޖުމްލަ 5,482,171 (ފަސް މިލިއަން ހަތަރު ލައްކަ އަށްޑިހަ ދެ ހާސް އެއްސަތޭކަ ހަތްދިހަ އެއް) ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިދިޔަ 1446 ވަނަ އަހަރުގެ މި މުއްދަތުގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 4,460,199 (ހަތަރު މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް ހާސް އެއްސަތޭކަ ނުވަދިހަ ނުވަ) ރުފިޔާއެވެ.
އާންމުންނަށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، ވުޒާރާގެ ކައުންޓަރުތަކާއި، ރަށު ކައުންސިލްތަކުގެ އިތުރުން އޮންލައިން އެކި ވަސީލަތްތައް މެދުވެރިކޮށް ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ވަނީ ފަހިކޮށްދީފައެވެ.
މިއަހަރު އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކުމަށް ބޭނުންކުރެވޭ ހަތް ވަސީލަތަކީ:
- ދިރާގު މޯބައިލް އެޕްލިކޭޝަން އަދި ދިރާގު ޕޭ
- އުރީދޫ އެމް-ފައިސާ މޯބައިލް އެޕްލިކޭޝަން
- މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) މޯބައިލް އެޕްލިކޭޝަން
- ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) މޯބައިލް އެޕްލިކޭޝަން
- ފަހިޕޭ މޯބައިލް އެޕްލިކޭޝަން
- އަވަސް މޯބައިލް އެޕްލިކޭޝަން
- ބަނޑޭރި ޕޭ ވެބްސައިޓް
މި ވަސީލަތްތަކުގެ ތެރެއިން ބަނޑޭރި ޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާން މަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނެއެވެ. އެހެނިހެން އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ޒަކާތް ބަލައިގަންނާނީ ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށެވެ.
މީގެ އިތުރުން، މާޗް މަހުގެ 10 އިން 19 އަށް، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށް ވުޒާރާގެ ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނެއެވެ.
ފިތުރު ޒަކާތް ދެއްކުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް ކަމަށްވާތީ، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޒަކާތުގެ މުދާ ނެރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.










