އީރާނުގެ ރޫޙާނީ ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން ސައްޔިދު މުޖްތަބާ ޙުސައިން ޚާމަނާއީ (56އ) އިންތިހާބު ކޮށްފިއެވެ.
އީރާނުގެ އާ ސުޕްރީމް ލީޑަރަކަށް މުޖްތާބާ ޚާމަނާއީ އިންތިހާބު އެ ޤައުމުގެ އެންމެ މަތީ ފަރާތެއް ހޮވުމުގެ ޒިންމާ އުފުލަންޖެހޭ އިސްލާމީ ދީނީ އިލްމުވެރިންގެ ބާރުގަދަ ޖަމާއަތެއް ކަމަށްވާ އެސެމްބްލީ އޮފް އެކްސްޕާރޓްސް އިންނެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި 88 ދީނީ އިލްމުވެރިން ހިމެނޭ އެސެމްބްލީ އޮފް އެކްސްޕާޓްސް އިން އޭނާ އަށް ވަނީ ބޮޑު އަޣުލަބިއްޔަތެއް ލިބިފައެވެ.
އިސްލާމީ ޖުމްހޫރިއްޔާ، އިރާނުގެ އެންމެ އިސްވެރިއަކަށް މުޖްތަބާ ގެ ބައްޕާފުޅު ޚާމަނާއީ ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ހުންނެވިއެވެ. އެމެރިކާއާއި އިޒުރޭލުން ހުސްވި ހަފްތާގެ ހޮނިހިރު ދުވަހު އީރާނަށް ދިން އިންސާފެއް ނެތް އަނިޔާވެރި ހަމަލާގައި ޚާމަނާއީ އަވަހާރަވީ އިރު އޭނާގެ ނައިބަކަށް އެއްވެސް ބޭފުޅަކު ޢައްޔަން ކުރައްވާފައެއް ނުވެއެވެ.
އީރާނުގެ ގާނޫނުއަސާސީގައި ވާގޮތުން އައު ސްޕްރީމް ލީޑަރަކަށް ވާން ޖެހޭނީ ފިރިހެނެކެވެ. ޝީޢީ ޢިލްމުވެރިއެކެވެ. ސިޔާސީ ވިސްނުމާއި އަޚްލާޤީ ބާރުވެރިއެއްގެ އިތުރުން އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަށް މުޅިން ވަފާތެރި ވެރިއަކަށް ވާން ޖެހޭނެއެވެ.
މުޖްތަބާ ޚާމަނާއީ އަކީ ސުޕްރީމް ލީޑަރުގެ ދެވަނަ ދަރިކަލުންނެވެ. އޭނާ މަޝްހޫރު ވެފައިވަނީ މަންޒަރުގެ ފަހަތުން ނުފޫޒު ފޯރުއްވަވާ ބޭފުޅެއްގެ ގޮތުގައެވެ. އޭނާ އަކީ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާއި ބަސީޖު މިލިޝިއާއާ ގާތް ގުޅުމެއް އޮންނަ ބޭފުޅެއް ކަމަށް ބުނެވެއެވެ. ނަމަވެސް އީރާނުގައި ޚާއްޞަކޮށް ރަސްކަން ނިމުމުން އުފެދުނު ނިޒާމުގައި ވިރާސީ ވަލީވެރިކަމުގެ ތަޞައްވުރަކީ މޫނު ބުރުގާ އަޅާފައިވާ ތަޞައްވުރެކެވެ.
މުޖްތަބާ ޚާމަނާއީ ސަރުކާރުގެ މަތީ މަގާމެއް ފުރުއްވާފައެއް ނުވެއެވެ.
ސުޕްރިމް ލީޑަރަކަށް މުޖްތާބާ ޚާމަނާއީ ހޮވިފައިވީ ނަމަވެސް އީރާނުގެ ކަމާބެހޭ ފަރާތްތަކުން ރަސްމީކޮށް މިކަމުގެ ތަފްޞީލެއް އަދި ހާމައެއް ނުކުރެއެވެ.










