ކުދި ވިޔަފާރިތަކުން އެމްއެފްޑީއޭއިން ލައިސަންސް ނަގައިގެން ކާބޯތަކެތި ތައްޔާރުކުރުމާމެދު ފައްޔާޒު ދެކޮޅު

އަައިޝަތު ޒީނާ | 424 ދުވަސް ކުރިން - 22 އޯގަސްޓް 2024 14:40
ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް
ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް
ޚުލާސާ

ލީކުވެފައިވާ އޯޑިއޯގައި އަޑު އިވޭގޮތުން ފައްޔާޒް ވިދާޅުވެފައިވަނީ ހުރިހާ އިދާރާތަކަކުން އަދި ހުރިހާ އޮފީސްތަކަކުން، ވިޔަފާރިއެއް ހިންގާކަށް ލައިސެންސް ދޭން ނުޖެހޭނެ ކަމަށް. ފައްޔާޒް ވިދާޅުވީ އެފިޝެންސީއާ ދިމާލަށް މަސައްކަތް ކުރަމުން އަންނަ އިރު އެ ލައިސެންސް ދޭން ޖެހޭ ކަމަށް އެއްގޮތަކަށްވެސް ޤަބޫލު ނުކުރައްވާ ކަމަށް.

ކުދި ވިޔަފާރިތަކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ލައިސަންސް ނަގައިގެން ކާބޯތަކެތި ތައްޔާރުކުރުމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ދެކޮޅުހަދާ އޯޑިއޯއެއް ލީކު ވެއްޖެއެވެ.

ލީކުވެފައިވާ އޯޑިއޯއަކީ 2022 ވަނަ އަހަރު މަޖިލިސް ކޮމިޓީގައި ފައްޔާޒް، މިހާރުގެ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އާ ކޮށްފައިވާ ޒުވާބެއްގެ އޯޑިއޯއެކެވެ.

އެ އޯޑިއޯގައި އަޑު އިވޭގޮތުން ފައްޔާޒު ވިދާޅުވެފައިވަނީ ހުރިހާ އިދާރާތަކަކުން އަދި ހުރިހާ އޮފީސްތަކަކުން، ވިޔަފާރިއެއް ހިންގާކަށް ލައިސެންސް ދޭން ނުޖެހޭނެ ކަމަށެވެ. ފައްޔާޒް ވިދާޅުވީ އެޗްޕީއޭ އަދި އެމްއެފްޑީއޭގެ ފަރާތުން ވަކި ލައިސެންސެއް ހޯދަން ކޮންމެހެން ނުޖެހޭ ކަމަށާއި، އެފިޝެންސީއާ ދިމާލަށް މަސައްކަތް ކުރަމުން އަންނަ އިރު އެ ލައިސެންސް ދޭން ޖެހޭ ކަމަށް އެއްގޮތަކަށްވެސް ޤަބޫލު ނުކުރައްވާ ކަމަށެވެ.

"ރެސްޓޯރަންޓަކަށް ޙުއްދަ ދީފައި އޮއްވާވެސް ނުބައި އެއްޗެއް ދީގެން މީހަކު މަރުވެދާނެ. އެކަމަކު ކޮންމެ މީހަކު، ކުދި ކުދި ވިޔަފާރި އައިސް އެމްއެފްޑީއޭއިން ލައިސެންސް ނަގައިގެން، ކުރިއަށް ގޮސް އެތަން ބަލައި، އެއީ އަޅުގަނޑު ޤަބޫލުކުރާ ގޮތެއް ނޫން އިނގޭތޯ. މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓުން ޙުއްދަ ހޯދާފައި، އެމްއެފްޑީއޭ އިން ޙުއްދަ ހޯދާފައި، ރައްޔިތުންގެ މަޖިލީހުން ހުއްދަ ހޯދާފައި، ކޮންމެސް އެހެން މިނިސްޓްރީއަކުން ހުއްދަ ހޯދާފައި، މިޒަމާނުގައި ނުޖެހޭ އެކަން ކުރާކަށް." ފައްޔާޒް ވިދާޅުވެފައިވެއެވެ.

އެކަމަށް ދެއްވި ރައްދުގައި ފަސްޓް ލޭޑީ ސާޖިދާ ވަނީ އިކޮނޮމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ތަންތަނުގައި ތައްޔާރުކުރެވޭ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިކޮނޮމިކް މިނިސްޓްރީން މަސައްކަތް ކުރެވޭތޯ ސުވާލު އުފައްދަވާފައެވެ.

އެކަމަނާ ވިދާޅުވީ ކާބޯތަކެތިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެމްއެފްޑީއޭގައި ދަފްތަރެއް ހުންނަން ޖެހޭ ކަމަށާއި، އެ ދަފްތަރު ނެތްހާ ހިނދަކު އެމްއެފްޑީއޭއަށް އެ މަޢުލޫމާތު ނުލިބޭނެ ކަމަށެވެ. އެގޮތަށް އަޅާ ނުލާ ދޫކޮށްލާފައި ހުރުމުން ވަރަށް ގިނަ ވިޔަފާރިތަކުގެ ސާފުތާހިރުކަން ނުބެލިފައި ހުރި ކަމަށް ސާޖިދާ އޭރު ވިދާޅުވިއެވެ.

އަމިއްލަ ގޭގައި ކާތަކެތި ތައްޔާރުކޮށްގެން ވެސް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރިކުރަމުން އަންނަ ކަމަށާއި ރެގިއުލޭޓް ނުކޮށް ތިއްބާ އެފަދަ އެއްޗެއް ކައިގެންވެސް މީހަކަށް ގޮތެއް ވެއްޖެ ނަމަ ކަންތައް ކުރާނީ ކިހިނެތްތޯ ސާޖިދާ ވަނި ފައްޔާޒް އާ ސުވާލުކުރައްވާފައެވެ.

ސާޖިދާ ވިދާޅުވީ އާންމު ރައްޔިތަކަށް ކާބޯތަކެތި ފޯރުކޮށްދޭނަމަ ކިތަންމެ ކުޑަ ވިޔަފާރިއެއް ނަމަވެސް ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ ވިޔަފާރިތައް ކުރުމުގައި ހަމަހަމަކަންވެސް މިކަމުގެ ސަބަބުން ނެތިކަން ދާކަމަށް ސާޖިދާ ފާހަގަކުރެއްވިއެވެ.

ސާޖިދާ ވިދާޅުވެފައިވަނީ ހިލޭ ދޭ ކާއެއްޗެއް ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އެފަދަ އެއްޗިއްސަކީ ޞިއްޙީ ގޮތުން ހަށިގަނޑަށް ގެއްލުންވެދާނެ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ.

ފައްޔާޒްގެ މި އޯޑިއޯ ލީކުވެފައި މިވަނީ ނުތާހިރުކޮށް ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ. މި މައްސަލަތައް ބޮޑަށް ފެންމަތިވެފައިވަނީ ބިދޭސީންގެ ފަރާތުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%