އެމެރިކާ އާއި އިޒުރޭލު ގުޅިގެން އީރާނަށް ދިން ހަމަލާތަކަކީ ގާނޫނާ ޚިލާފު، ޢުދުވާނީ ހަމަލާތަކެއް ކަމަށް ވިދާޅުވެ އެމެރިކާގެ ނިއުޔޯކް ސިޓީގެ މޭޔަރު ޡަހުރާން މަމްދާނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެކްސްގައި ލިއުއްވި ބަޔާނެއްގައި މަމްދާނީ ވިދާޅުވީ އެ އަމަލުތަކަކީ ފަނާކުރަނިވި އަމަލެއްކަމަށާއި އެއީ އެ ސަރަހައްދުގައި އާ ހަނގުރާމައެއްގެ ދޮރު ހުޅުވިގެންދާ ކަމެއް ކަމަށެވެ.
މަމްދާނީ ވިދާޅުވީ ސިޓީތަކަށް ބޮން އެޅުމާއި އާންމުން މެރުމާއި ހަނގުރާމައިގެ އައު މައިދާނެއް ހުޅުވަން އެމެރިކާގެ ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. ނިއުޔޯކުގައި ދިރިއުޅޭ އީރާން-އެމެރިކާގެ ރައްޔިތުންނަށް އެ ސިޓީގައި ރައްކާތެރިކަން ލިބިފައިވާކަމުގެ ޔަގީންކަން މޭޔަރު މަމްދާނީ ދެއްވިއެވެ.
މަމްދާނީގެ އިތުރަށް ދުނިޔޭގެ ވަރަށް ގިނަ ލީޑަރުންނާއި ފާހަގަކުރެވޭ ޝަހުސިއްޔަތުން އެމެރިކާއާއި އިޒުރޭލުން އީރާނަށް ދޭންފެށި ހަމަލާތައް ވަނީ ކުށްވެރިކުރައްވާފައެވެ.
އެމެރިކާއާއި އިޒުރޭލުން އީރާނަށް އަނިޔާވެރި ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު ރައީސް ޓްރަމްޕް ވަނީ އީރާނުން ރައްދުގައި ހަމަލާއެއް ދީފިނަމަ އީރާނަށް އަމާޒު ކުރާނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ވަރުގަދަ ހަމަލާތަކެއް ކަމަށް ވިދާޅުވެ، އިންޒާރު ދެއްވާފައެވެ.










