ރިޕޯޓު: ދައުރެއްގެ ނިމުން: ވޭތުވެދިޔަ ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ދުވަހު ހާމަނާއީ އީރާނުގެ މަސްރަހު ބައްޓަންކުރެއްވި ގޮތް

އައިޝަތު ރުވާ ރިފްޢަތު | 4 ގަޑިއިރު ކުރިން - 1 މާރިޗް 2026 15:52
އާޔަތުﷲ އަލީ ހާމަނާއީ -  އަވަހާރަވެފައިވަނީ އެމެރިކާ-އިޒްރޭލުން ދިން ހަމަލާތަކެއްގައި---
އާޔަތުﷲ އަލީ ހާމަނާއީ - އަވަހާރަވެފައިވަނީ އެމެރިކާ-އިޒްރޭލުން ދިން ހަމަލާތަކެއްގައި---
ޚުލާސާ

އާޔަތުﷲ އަލީ ހާމަނާއީ ވަކިވެދިޔުމުން އެމެރިކާއާއި އިޒްރޭލުގެ ނުފޫޒުގެ ދަށަށް އީރާނު ދާނެތޯ ބެލުމަށް މުޅި އިސްލާމީ ދުނިޔެ މިހާރު އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައި.

އީރާނުގެ އެންމެ މަތީ ވެރިޔާ، އާޔަތުﷲ އަލީ ހާމަނާއީ، އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން ވައިގެ ހަމަލާއެއްގައި ވަނީ އަވަހާރަފެވަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 86 އަހަރެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން މި ހަބަރު ކަށަވަރުކޮށްދީފައިވަނީ އާދީއްތަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ގޮތުގައި، ހާމަނާއީ އަވަހާރަކޮށްލާފައިވަނީ ހޮނިހިރު ދުވަހު އޭނާ ދިރިއުޅުއްވާ ކޮމްޕައުންޑަށް އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ވަރުގަދަ ވައިގެ ހަމަލާއެއްގަ އެވެ. އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ހާމަނާއީގެ އިތުރުން އޭނާގެ ދަރިކަނބަލުންނާއި، ދަރިލަދުއާއި، ކާފަދަރިފުޅުވެސް ވަނީ ޝަހީދުވެފަ އެވެ.

ޅަފަތުގެ ދުވަސްވަރާއި ތައުލީމް

އަލީ ހާމަނާއީ އުފަންވެވަޑައިގަތީ 1939 ވަނަ އަހަރު އީރާނުގެ މަޝްހަދުގަ އެވެ. އޭނާގެ ބައްޕާފުޅަކީ މަޝްހަދުގައި މަޝްހޫރު ދީނީ އިލްމުވެރިއެކެވެ. އުމުރުން އެންމެ 4 އަހަރުގައި ގުރުއާން އުނގެނުމަށް ފެއްޓެވި ހާމަނާއީ، ފަހުން ތައުލީމު ހާސިލްކުރެއްވީ ނަޖަފާއި ގުމް ފަދަ ޝީއީ ދީނީ މަރުކަޒުތަކުންނެވެ. އެ ދުވަސްވަރު އޭނާގެ އުސްތާޒުންގެ ތެރޭގައި އާޔަތުﷲ ހުމައިނީ ހިމެނިވަޑައިގަންނަވަ އެވެ.

ހާމަނާއިގެ ޅަފަތުގެ ދުވަސްވަރު ރައްޓެހިންނާއެކު--

ޝާހުގެ ސަރުކާރާ ދެކޮޅަށް ސިޔާސީ ގޮތުން މަސައްކަތް ކުރެއްވުމުގެ ސަބަބުން، ހާމަނާއީ އެތައް ފަހަރަކު ޖަލަށްލައި އަރުވާލާފައިވެ އެވެ. ނަމަވެސް 1978 ވަނަ އަހަރު އީރާނަށް އައި އިންގިލާބުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ.

އަވަހާރަކޮށްލަން ބޮމެއް ގޮއްވައިލުން

ޚާމަނާއީ އަވަހާރަކޮށްލަން ދިން ޙަމަލާގައި ކަނާތް ޕެރެޑައިޒްވެ ހޮސްޕިޓަލުގައި

27 ޖޫން 1981 ގައި ތެހެރާނުގެ މިސްކިތެއްގައި (ނަމާދަށްފަހު) ޚާމަނާއީ ފެށްޓެވީ ރައްޔިތުންނާއި މުޚާޠަބުކޮށް ތަޤްރީރު ކުރެއްވުމަށެވެ. އެ ވަގުތު ބާރުގަދަ ގޮވުމަކާއި އެކު އޭނާއަށް ވަރަށް ބޮޑަށް އަނިޔާވެ، ކަނާތް ޕެރެޑައިޒް ވިއެވެ. ފުއްޕާމޭ ވަރަށް ބޮޑަށް ހަލާކުވެ ކަރަށް ވެސް ވަރަށް ބޮޑަށް އަނިޔާ ވިއެވެ. އަދި އަޑު ނުކުތުމުގައި މައްސަލަ ދިމާވިއެވެ. މި ޙަމަލާ ދީފައި ވަނީ ޓޭޕް ރިކޯޑަރެއްގައި ކުޑަ ބޮމެއް ޕްލާންޓް ކޮށްގެންނެވެ.

ވެރިކަމަށް ވަޑައިގަތުމާއި ދިފާއީ ސިޔާސަތު

އިންގިލާބަށްފަހު 1981 ވަނަ އަހަރު އޮކްޓޯބަރު މަހު އީރާނުގެ ރައީސްކަމަށް ހާމަނާއީ އިންތިހާބުވެވަޑައިގަތެވެ. 1980 ގެ އަހަރުތަކުގައި އިރާގާއެކު ކުރި ހަނގުރާމައިގެ ތަޖުރިބާއަކީ ހާމަނާއީގެ ހުޅަނގާ މެދު އޮތް ނުތަނަވަސްކަން އިތުރުވި ކަމެކެވެ. 1989 ވަނަ އަހަރު އާޔަތުﷲ ހުމައިނީ އަވަހާރަވުމާ ގުޅިގެން، އީރާނުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ހާމަނާއީ އިސްވެވަޑައިގަތެވެ.

ހުމައިނީ އަވަހާރަވުމާ ގުޅިގެން ހާމަނާއި ޖަނާޒާގައި ބައިވެރިވަނީ--

ހާމަނާއީގެ ވެރިކަމުގައި އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވީ އީރާނުގެ އަސްކަރީ ބާރު ވަރުގަދަކުރުމަށެވެ. އެގޮތުން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އަކީ ހަމައެކަނި އަސްކަރީ ބާރެއްގެ ބަދަލުގައި، ސިޔާސީ އަދި އިގްތިސާދީ ގޮތުންވެސް ވަރުގަދަ މުއައްސަސާއަކަށް ބަދަލުކުރެއްވި އެވެ. އަދި ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅަށް "ރެސިސްޓެންސް އިކޮނޮމީ" ނުވަތަ އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފަލްސަފާއެއް ތައާރަފްކުރެއްވި އެވެ.

ގޮންޖެހުންތަކާއި ދެކޮޅުވެރިކަން

ހާމަނާއީގެ ދިގު ވެރިކަމުގައި އެތައް ގޮންޖެހުންތަކެއް ކުރިމަތިވި އެވެ. 2009 ވަނަ އަހަރުގެ އިންތިހާބާ ގުޅިގެން އުފެދުނު "ގްރީން މޫވްމަންޓް" އާއި، 2022 ވަނަ އަހަރުގެ އަންހެނުންގެ ހައްގުތަކާ ގުޅޭ މުޒާހަރާތަކަކީ ފާހަގަކޮށްލެވޭ ކަންކަމެވެ. މީގެ އިތުރުން، އިގްތިސާދީ ދަތިކަމާ ހުރެ ދާދި ފަހުން މުޅި ގައުމުގައި ފެތުރިގެންދިޔަ މުޒާހަރާތަކަކީ އޭނާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ހާމަނާއީގެ ސިޔާސަތުތަކުގެ ސަބަބުން އީރާނުގެ ޒުވާން ޖީލާ އޭނާއާ ދެމެދު އޮތް ގުޅުން ވަނީ ކެނޑިފަ އެވެ.

ބޭރުގެ ނުފޫޒާއި 'އެކްސިސް އޮފް ރެސިސްޓެންސް'

ހާމަނާއީގެ އެންމެ ބޮޑު ސްޓްރެޓީޖިކް ކާމިޔާބީއަކީ ސަރަހައްދީ ގޮތުން އުފެއްދެވި "އެކްސިސް އޮފް ރެސިސްޓެންސް" އެވެ. މީގެ ތެރޭގައި ލުބުނާނުގެ ހިޒްބުﷲ، ފަލަސްތީނުގެ ހަމާސް އަދި ޔަމަނުގެ ހޫޘީން ހިމެނެއެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގެ ފަހުން އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މި ޖަމާއަތްތަކުގެ އިސްވެރިން ޝަހީދުވެ، މި ބާރުތަކަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފަ އެވެ.

އާޔަތުﷲ އަލީ ހާމަނާއީ---

ފަހު ވަގުތުކޮޅު

2025 ވަނަ އަހަރު އިޒްރޭލުން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކަށްފަހު، ދެ ގައުމުގެ ދެމެދުގައި ވަރުގަދަ ހަނގުރާމައެއް ހިނގި އެވެ. މި ހަނގުރާމައިގެ ތެރޭގައި ޓްރަމްޕް ވަނީ އެމެރިކާ އަށް ތަބާވުމަށް ހާމަނާއީ އަށް ގޮވާލާފަ އެވެ. ނަމަވެސް ހާމަނާއީ ވިދާޅުވީ އީރާނަކީ ބިރުދައްކައިގެން ކަނބާލެވޭނެ ބައެއް ނޫން ކަމަށެވެ.

އިގްތިސާދީ އިނދަޖެހުމާއި ރައްޔިތުންގެ އުންމީދުތައް

ހާމަނާއީގެ ވެރިކަމުގެ ފަހު އަހަރުތަކުގައި އީރާނުގެ ފައިސާގެ އަގު މިން ނުކުރެވޭ މިންވަރަށް ވެއްޓި، ތަކެތީގެ އަގު އުފުލިގެން ދިޔުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވި އެވެ. މިދިޔަ ޑިސެމްބަރު މަހު ފެށުނު މުޒާހަރާތަކަކީ މި ތަދުމަޑުކަމުގެ ނަތީޖާއެވެ. އީރާނުގެ ރަސްމީ އިދާރާތަކުން ބުނާ ގޮތުގައި މި ހަމަނުޖެހުންތަކުގައި 3،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ލަފާކުރާ ގޮތުގައި އެ އަދަދު 7،000 އަށްވުރެ މައްޗަށް އަރަ އެވެ.

މިފަދަ ނާޒުކު ފައްތަރެއްގައި އޮތް ގައުމަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި މެސެޖަކީ އީރާނުގެ ނިޒާމު މުޅިން ބަދަލުކޮށްލުމުގެ ފުރުސަތު އޮތް ކަމުގެ މެސެޖެކެވެ. ޓްރަމްޕް ބުނީ، އެމެރިކާގެ އަސްކަރީ ހަރަކާތްތައް ނިމުމުން، ވެރިކަމާ ހަވާލުވުމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށެވެ. މިއީ ކުރީގެ އެއްވެސް ރައީސަކު ކުރައްވަން ކެރިވަޑައިނުގެންނެވި ވަރުގެ ނުރައްކާތެރި އަދި ހަރުކަށި ނިންމެވުމެއް ކަމަށް އޭނާ ސިފަކުރެއްވި އެވެ.

ނިއުކްލިއަރ މައްސަލައާއި ބައިނަލްއަޤްވާމީ ގުޅުން

ހާމަނާއީ އަވަހާރަވިއިރު، އީރާނާއި އެމެރިކާއާ ދެމެދު ޖެނީވާއާއި ޔޫއޭއީގައި ކުރިއަށްދިޔަ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުފެނުނެވެ. އެމެރިކާއިން ބޭނުންވީ އީރާނުގެ ނިއުކްލިއަރ ވަސީލަތްތައް މުޅިން ނައްތާލައި، ބެލިސްޓިކް މިސައިލް އުފެއްދުން ހުއްޓާލުމަށެވެ. ނަމަވެސް، ހާމަނާއީގެ ފަލްސަފާއަކީ މިސައިލްތަކާއި ސަރަހައްދީ ބާރުތަކަކީ އީރާނުގެ ދިފާއުގެ މައިބަދަ ކަމަށްވުމުން، އެކަމުގައި ދޫދެއްވުމަކީ އޭނާ ކުރެއްވި ކަމެއް ނޫނެވެ.

ހާމަނާއީގެ އަވަހާރަވުމާ ގުޅިގެން އީރާނުގެ މަސްރަހަށް އަންނާނެ ބަދަލުތަކަކީ މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ. އޭނާގެ 35 އަހަރުވީ ޒައާމަތުގައި އީރާނަކީ ހުޅަނގުގެ ބާރުތަކަށް ގުޑުވާލަން އުނދަގޫ، ދިފާއީ ގޮތުން ވަރުގަދަ ފަލްސަފާއެއްގެ މައްޗަށް ބިނާވެފައިވާ ގައުމަކަށް ހެއްދެވިއެވެ. ނަމަވެސް، އޭނާ އަވަހާރަވީ ގައުމުގެ އެތެރޭގެ އިގްތިސާދު ބަނގުރޫޓުވެ، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ހާމަނާއީ އަވަހާރަވުމާ ގުޅިގެން އީރާނުގެ ރައްޔިތަކު ހިތާމަފާޅުކުރަނީ---

ފެބްރުއަރީ 28 ވަނަ ދުވަހު، އެމެރިކާއިން އީރާނުގައި "މޭޖަރ ކޮމްބެޓް އޮޕަރޭޝަން" އެއް ފަށާފައިވާކަން ޓްރަމްޕް އިއުލާންކުރި އެވެ. އޭނާ ބުނީ މިއީ އީރާނުގެ ރައްޔިތުންނަށް ލިބޭ މިނިވަންކަމުގެ ވަގުތު ކަމަށާއި، ވެރިކަން ބަދަލުކުރުމަށް މިއީ އޮތް ފުރުސަތެއް ކަމަށެވެ. ހާމަނާއީ އަވަހާރަވުމަކީ އީރާނުގެ ތާރީހުގައި އާ ބާބެއް ފެށިގެންދާނެ ކަމެއް ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

އާޔަތުﷲ އަލީ ހާމަނާއީގެ ވަކިވެދިޔުމަކީ އީރާނުގެ އިސްލާމީ އިންގިލާބުގެ ފަލްސަފާއާއި، މެދުއިރުމަތީގެ ސިޔާސީ މަސްރަހަށް އަންނާނެ އެންމެ ބޮޑު ލޮޅުމެވެ. އޭނާ ބިނާކުރެއްވި ދިފާއީ ފާރުތައް ދެމިއޮންނާނެތޯ ނުވަތަ އެމެރިކާއާއި އިޒްރޭލުގެ ނުފޫޒުގެ ދަށަށް އީރާނު ދާނެތޯ ބެލުމަށް މުޅި ދުނިޔެ މިހާރު އޮތީ ބަލަބަލައެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%