އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ، އިޒްރޭލާއި އެމެރިކާގެ ހަމަލާތަކުގައި އަވަހާރަވެފައިވާ ކަމަށް ބުނާ ވާހަކަ ދޮގުކުރުމަށް ފަހު، އީރާނުން އެންމެ ފަހުން އެކަން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް އެމެރިކާ އާއި އިޒްރޭލުން މީގެ ކުރިން ބުނަމުން ދިޔަ ނަމަވެސް، އީރާނުން ކުރިން ބުނަމުން ދިޔައީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ.
ނަމަވެސް މިއަދު ހެނދުނު އީރާންގެ ގައުމީ ޓީވީން ވަނީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް ބުނެ އެކަން ކަށަވަރުކޮށްދީފައެވެ. އީރާނުގެ މީޑިއާތަކުން މި ޚަބަރު ރިޕޯޓްކޮށްފައިވަނީ އިސްލާމީ އިންގިލާބުގެ ލީޑަރު "ޝަހީދުވުން" ކަމަށް ސިފަކޮށްފައެވެ.
އިޒްރޭލުގެ ޗެނަލް 12 އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޚާމަނާއީ އާއި އެހެން ވެރިން އުޅުއްވާ ސަރަހައްދުތަކަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކުގައި ޚާމަނާއީގެ ކޮމްޕައުންޑަށް އެކަނިވެސް 30 ބޮން އަޅާފައިވެއެވެ. މި ހަމަލާގެ ސަބަބުން އެ ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ސެޓެލައިޓް ފޮޓޯތަކުން ވެސް ވަނީ ހާމަވެފައެވެ. ޚާމަނާއީ އަވަހާރަވީ ތެހެރާނުގައި ހުންނަ އެމަނިކުފާނުގެ އޮފީސް ނުވަތަ ދިރިއުޅުއްވާ ގޯތިތެރެއަށް ދެވުނު ހަމަލާތަކުގެ ފުރަތަމަ މަރުހަލާގައެވެ.
ޚާމަނާއީގެ އިތުރުން، އީރާނުގެ މަތީ ފަންތީގެ ބައެއް އިސް އޮފިޝަލުން ވެސް މި ހަމަލާތަކުގައި އަވަހާރަވެފައިވާ ކަމަށް އެ ގައުމުގެ ޖުޑީޝަރީން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ސިފައިންގެ ވެރިޔާ ލެފްޓިނަންޓް ޖެނެރަލް އަބްދުއްރަހީމް މޫސަވީ، ޑިފެންސް މިނިސްޓަރު އަޒީޒް ނާސިރުޒާދާ، އައި.އާރް.ޖީ.ސީގެ ކޮމާންޑަރު މޭޖާ ޖެނެރަލް މުޙައްމަދު ޕަކްޕޫރު އަދި ސީނިއާ އެޑްވައިޒަރު އަލީ ޝަމްޚާނީ ހިމެނެއެވެ.
މި ހާދިސާއާ ގުޅިގެން އީރާނު ސަރުކާރުން ވަނީ ގައުމީ ހިތާމައިގެ 40 ދުވަސް އަދި ބަންދު 7 ދުވަސް އިއުލާންކޮށްފައެވެ. އީރާނުގެ އޮފިޝަލުން ވަނީ މި ހަމަލާގެ ބަދަލު ވަރަށް ހިތިކޮށް ހިފާނެ ކަމުގެ އިންޒާރު ދީ، މި ގެއްލުމުގެ ސަބަބުން ގައުމީ އަޒުމް އިތުރަށް ވަރުގަދަވާނެ ކަމަށް ބަޔާންކޮށްފައެވެ.
އީރާނުގެ ދީނީ އިލްމުވެރިންގެ މަޖިލިސް (އެސެމްބްލީ އޮފް އެކްސްޕާޓްސް) އިން އެގައުމަށް ދާއިމީ ލީޑަރަކު އެސެމްބްލީ އިންތިޚާބު ކުރަންދެން ކަންކަން ބެލެހެއްޓުމަށް ވަގުތީ ލީޑާޝިޕް ކައުންސިލެއް ވަނީ އެކުލަވާލާފައެވެ. މި ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ ރައީސް މަސްއޫދު ޕެޒެޝްކިއަން، ޖުޑީޝަރީގެ ވެރިޔާ ޣުލާމްހުސައިން މުހްސިނީ-އެޖެއީ، އަދި ގާޑިއަން ކައުންސިލުން ކަނޑައަޅާ ދީނީ އިލްމުވެރިއެކެވެ.
މިއީ 1989 ވަނަ އަހަރު އާޔަތުﷲ ރޫހުﷲ ޚުމައިނީ އަވަހާރަވުމަށްފަހު، އީރާނުގެ އިންގިލާބީ ތާރީޚުގައި މިފަދަ ވަގުތީ އިންތިޒާމެއް ހަމަޖެއްސި ދެވަނަ ފަހަރެވެ. 88 މެންބަރުންގެ މައްޗަށް އެކުލެވޭ ދީނީ އިލްމުވެރިންގެ މަޖިލިސް އިން އާ ސުޕްރީމް ލީޑަރަކާ މެދު މަޝްވަރާ ކުރުމަށް ވަރަށް އަވަހަށް ބައްދަލުކުރާނެ ކަމަށް ބެލެވެއެވެ.
ނަމަވެސް ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މި މަރުހަލާ ކުރިއަށްދާނެ ގޮތާއި ވަގުތުތައް އަދި ސާފެއް ނޫނެވެ. 1989 އިން ފެށިގެން އީރާނުގެ ލީޑަރުކަން ކުރެއްވި އާޔަތުﷲ ޚާމަނޭއީ އަވަހާރަވުމާއެކު، އެމަނިކުފާނުގެ ބާރުގެ ދަށުގައި އޮތް 36 އަހަރަށްވުރެ ދިގު މުއްދަތެއްގެ ޒަމާން ނިމުމަކަށް އައީއެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 86 އަހަރެވެ.









