ބިދޭސީން ހިންގާ ބައެއް ސައި ހޮޓާ އަދި ކެފޭތަކުގައި ބިލެތް ހުނީގެ ބަދަލުގައި ކޯނިސް ޕައުޑަރު ދޭ މައްސަލައެއް ފެންމަތިވެފައިވާއިރު، އެކަމާ ގުޅިގެން ހެދި ޓެސްޓުތަކުން އެއީ ހުނިކަމަށް ކަށަވަރު ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެސެޖެއްގައި ބުނެފައިވަނީ ބިދޭސީން ހިންގާ ކަންމަތީ ކެފޭ، ރެސްޓޯރަންޓް، ހޮޓާ، މާރުކޭޓު ގޮޅިތަކުގައި ބިލެތް ހުނީގެ ނަމުގައި ކޯނިސް ޕައުޑަރު ދެމުން އަންނަ ކަމަށެވެ.
ކޯނިސް ޕައުޑަރަކީ ސީލިންގ ކުރާއިރު ބޭނުންކުރާ ހުދު ޕުޓީއެކެވެ. ދުފާއިރު ބިލެތް ހުނި ގިނައިން ބޭނުންކުރާ މީހުންނަށް މި ބޭނުންކޮށްގެން ފިޓު ޖެހި، އޮށްދާ ހިއްލާ، ހިތުގެ ހިނގުން އަވަސްވުން ފަދަ މައްސަލަތައް ދިމާވެއެވެ.
މިކަމާ ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވީ ޝަކުވާއާ ގުޅިގެން ހުނި ޓެސްޓުކުރިއިރު އެއީ ހުނިކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އެގޮތުން އިއްޔެގެ ހަވީރުގެ ވަގުތެއްގައި އޭގެ ނަތީޖާ ލިބިފައިވާއިރު، ބޭނުންކޮށްފައި ހުރީ ކޯނިސް ޕައުޑަރު ނޫންކަން ޔަޤީންކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާތަނަށް ހެދި ޓެސްޓުތަކުން ހުންޏާ ގުޅޭ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާކަމަށެވެ.









