ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި, ކެނޑިޑޭޓުންގެ މަންދޫބުންނަށް ވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނު (އީސީ) އިން ހުޅުވާލައިފި އެވެ.
އީސީ އިން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ، އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު ކޮންމެ ކެނޑިޑޭޓަކަށް ވެސް ލިބޭނެ ކަމަށެވެ.
މަންދޫބުންނަށްވާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް:
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
- ޖިނާޢީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
- އިންތިޚާބާ ބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
- ފަނޑިޔާރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ މެންބަރެއް / ވެރިއެއް ކަމުގައި ނުވުން.
- ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުން.
- ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.
- އިންތިޚާބުގައި އިތުރު މަޤާމަކަށް ކުރިމަތިލާފައިވާ މީހެއްކަމުގައި ނުވުން.
- ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
- އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައިވުން.
ކެންޑިޑޭޓުން އައްޔަންކުރާ މަންދޫބުންނަށް ވުމަށްއެދޭ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2026 ފެބުރުވަރީ 28 ވާ ހޮނިހިރު ދުވަހުން ފެށިގެން، 2026 މާރިޗު 07 ވާ ހޮނިހިރު ދުވަހުގެ 13:00 ގެ ނިޔަލަށް، މައި ޕޯޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކޮމިޝަނުގެ ނަންބަރު 3004432 ނުވަތަ 3004433 އަށް ގުޅުއްވުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.









