ބިދޭސީއަކު ބުޅާމަހުން ކާތަކެތި ހަދައިގެން ވިއްކި ކަމަށް ތުހުމަތުކުރާ މައްސަލައިގައި މިހާތަނަށް އެކަން ކަށަވަރުކުރެވިފައި ނުވާކަމަށް ހެލްތު މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޚަލީލް ވިދާޅުވީ ބުޅާމަސް ބޭނުންކޮށްގެން ކާތަކެތި ތައްޔާރުކޮށްގެން ވިއްކި ވާހަކަ ދެކެވުނު ނަމަވެސް އެކަން އެގޮތަށް ކޮށްފައިވާކަން މިހާތަނަށް ކަށަވަރުކުރެވިފައި ނުވާ ކަމަށާއި ކަމާ ގުޅޭ އިދާރާތައް ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ބުޅާ މަސް ބޭނުންކޮށްގެން ކާތަކެތި ހަދައިގެން ވިއްކި ކަމަށް ދެކެވޭ ވާހަކަތަކަކީ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކެއް ނަމަވެސް އެކަން ސާބިތުވެފައި ނުވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ކުރަން ޖެހޭ ތަހުލީލުތައް ކުރަމުން އަންނަ ކަމަށާއި މި މައްސަލައަކީ ކިހާ ފުންމިނަކަށް ގޮސްފައިވާ މައްސަލައެއްކަން އެ ތަހުލީލުގެ އެހީގައި އެނގޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބުޅާ މަސް އަޅައިގެން ކާތަކެތި ތައްޔާރުކުރި ކަމަށް ތުހުމަތުވާ ބިދޭސީ މީހާއަކީ އުމުރުން 32 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށްވާ އަރަފާތު ހޮސެއިން އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އޭނާ ހޯދައި އިމިގްރޭޝަނާ ޙަވާލުކޮށްފައެވެ.









