ބ. ދަރަވަންދޫ ފަޅުން ބައެއް ހިއްކުމުގެ މަޝްރޫއެއް ކުރިއަށްދާ ކަމަށް ބުނެ "އަދަދު" ނޫހުން ފަތުރަމުންދާ ހަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.


މިކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވި ގޮތުގައި، 2025 ވަނަ އަހަރުގެ މެދުތެރޭގައި އެ ރަށުގެ ބިން ހިއްކުމާ ގުޅޭގޮތުން ފުރަތަމަ މަރުހަލާގެ ކޮންސެޕްޓެއް ބަލާލެވުނު ނަމަވެސް، އެފަދަ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް މިހާތަނަށް އެއްވެސް ހުއްދައެއް ދީފައެއް ނުވެ އެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ދަރަވަންދޫ ހިއްކުމުގެ އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާނަމަ، އެކަމުގެ ރަސްމީ މައުލޫމާތު އެ ރަށުގެ ކައުންސިލާ ހިއްސާކުރެވޭނެ އެވެ. ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް މުއާމަލާތެއް ކައުންސިލާއެކު ހިންގާފައި ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އިތުރަށް ސާފުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ، ދަރަވަންދޫ ބިން ހިއްކުމަށް އެއްވެސް މަޝްރޫއެއް ފާސްކޮށްފައި ނުވާ ކަމަށާއި، އެއްވެސް ބަޔަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެސް ނުވާނެ ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެއްވެސް ނިންމުމެއް މިހާތަނަށް ނިންމާފައި ނުވާކަން މިނިސްޓަރު ކަށަވަރުކޮށްދެއްވި އެވެ.
މިފަދަ ހަބަރެއް ނޫސް މަޖައްލާއަކުން ފަތުރާފައިވާއިރު، ކޮންމެ މަޝްރޫއެއްވެސް ކުރިއަށްދާނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، ރަށު ކައުންސިލާއި ރައްޔިތުންނަށް އެނގިގެންނެވެ.







