މުސްލިމުންނާ ދެކޮޅު ފިލްމު އުފައްދާ ފަރާތްތަކަށް އަނޫރާގް ކަޝްޔަޕް ފާޑުކިޔައިފިއެވެ.
ބޮލީވުޑްގެ ފިލްމު އުފެއްދުމުގެ އިތުރަށް ފިލްމު ކުޅޭ އަނޫރާގް ކަޝްޔަޕް ވަނީ މުސްލިމުންނާ ދެކޮޅު ހުށަހެޅުންތަކެއް އެކުލަވާފައިވާ ފިލްމު "ދަ ކެރެލާ ސްޓޯރީ 2" އަށް ފާޑުކިޔައި، އެއީ ދޮގުފެތުރުމެއްކަމަށް ބުނެ، ފިލްމު އުފައްދާ ބައެއް ފަރާތްތަކުން މައުޟޫޢާއި ވާހަކައަށްވުރެ ބޮޑަށް ފައިދާއަށް އިސްކަންދޭ ކަމަށް ތުހުމަތުކޮށްފައެވެ.
"ދަ ކެރެލާ ސްޓޯރީ 2" ނެރެން ތައްޔާރުވެފައި ވަނިކޮށް އެ ފިލްމާ ގުޅޭގޮތުން ތަފާތު މައްސަލަތައް އުފެދި ތަފާތު ބަހުސްތައް ކުރެވެމުން އެބަދެއެވެ.
ވިޕުލް އަމްރިތު ލާލް ޝާހް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމަކީ ކަމަޚްޔާ ނަރަޔަން ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ކޮޗިން އެއާޕޯޓުގައި މީޑިއާތަކަށް މައުލޫމާތު ދެމުން އަނުރާގް ކަޝްޔަޕް ބުނީ "ދަ ކެރެލާ ސްޓޯރީ 2" މި ފިލްމުގެ ބޭނުމަކީ ބެލުންތެރިން ބައިބައިކުރުން ކަމަށާއި، މިއީ މާނަހުރި ވާހަކައެއް ނެތް، ފިލްމެއް ކަމަށެވެ. އަދި އަންހެނަކު ގަދަކަމުން މަސް ކާންދޭ ތަން ފެންނަ މަންޒަރަކަށް ވެސް އޭނާ އިޝާރާތްކޮށް ވާހަކަދައްކާފައި ވެއެވެ.
"އެއީވެސް ކަނޑައޅިގެން ދޮގު ވާހަކައެއް. އެއްވެސް މީހަކު އެގޮތަށް މަސް ކާން ދީއެއް ނަހަދާ." އޭނާ އިތުރަށް ބުންޏެވެ. "އެ ފިލްމު ހެދުމުގެ ބޭނުމަކީ ހަމައެކަނި ފައިސާ ހޯދުން. ފިލްމު އުފެއްދި މީހާއަކީ ދަހިވެތި މީހެއް."
އަނެއްކޮޅުން ބަޔޮލޮޖިސްޓް ސްރީދޭވް ނަމްބޫޑިރީ ވަނީ ފިލްމު "ދަ ކެރެލާ ސްޓޯރީ 2" ރިލީޒް ކުރުމާ ދެކޮޅަށް ކެރެލާ ހައިކޯޓަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފައެވެ.
ހިންދީ ފިލްމު އުފައްދާ ބައެއް މީހުން ޕާކިސްތާނާއި މުސްލިމުންދާ ދެކޮޅު ޝުޢޫރު އުފެދޭ ގޮތަށް ފިލްމު އުފައްދައި އެއިން މަންފާ ހޯދަމުން ގެންދެއެވެ.










