ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރަކީ އެ ބޭންކުގެ ތާރީހުގައި ވެސް ވަރަށް ކާމިޔާބު އަހަރެއްކަން ހާމަވެއްޖެ އެވެ. ބޭންކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އެ ބޭންކަށް ވަނީ 2.5 ބިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ލިބިފަ އެވެ.
2024 ވަނަ އަހަރު ބީއެމްއެލް އަށް ފައިދާގެ ގޮތުގައި ލިބުނީ 2.2 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިދިޔަ އަހަރު ބޭންކަށް ލިބުނު ފައިދާ ވަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ އިތުރުވެފައެވެ. މި ކުރިއެރުމާއެކު ބޭންކުގެ މާލީ ދުޅަހެޔޮކަން ވަނީ އިތުރަށް ވަރުގަދަވެފަ އެވެ.
މިދިޔަ އަހަރު ބޭންކަށް އާމްދަނީގެ ގޮތުގައި ޖުމްލަ 5.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 900 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވި ނަމަވެސް، ބޭންކުގެ ހިންގުމުގެ ހަރަދުތައް ވެސް ވަނީ މިދިޔަ އަހަރު އިތުރުވެފައެވެ. އެގޮތުން، ހިންގުމުގެ ހަރަދަށް މިދިޔަ އަހަރު އެއް ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، އޭގެ ކުރީ އަހަރު އެ ބޭންކުން ހިންގުމުގެ ހަރަދަށް ހޭދަކުރީ 764 މިލިއަން ރުފިޔާ އެވެ.
ބޭންކުގެ ތާރީޚުގައި ވެސް އެއް އަހަރު ތެރޭގައި އެންމެ ގިނަ އަދަދަކަށް ލޯނު ދޫކުރި އަހަރަކަށް މިދިޔަ އަހަރު ވަނީ ވެފަ އެވެ. އަމިއްލަ ފަރާތްތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕަރޭޓް ކަސްޓަމަރުންނާއި އިގްތިސާދީ މުހިންމު ސިނާއަތްތައް ކުރިއެރުވުމަށްޓަކައި، ލޯނާއި ފައިނޭންސިންގެ ގޮތުގައި މިދިޔަ އަހަރު އަލަށް 10 ބިލިއަން ރުފިޔާ ބޭންކުން ވަނީ ދޫކޮށްފަ އެވެ.
ކަސްޓަމަރުންގެ އިތުބާރު ބޭންކަށް އޮތް މިންވަރު ވެސް މިދިޔަ އަހަރު ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ. އެގޮތުން 30,000 އަށްވުރެ ގިނަ އާ ކަސްޓަމަރުން ބޭންކާ އަލަށް ގުޅިފައިވާ އިރު، ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓްގެ މިންވަރު 2024 ވަނަ އަހަރާ އަޅާބަލާއިރު 16 އިންސައްތަ ވަނީ އިތުރުވެފަ އެވެ.










