ލަވަކިޔުމުގެ ދާއިރާއިން ރިޓަޔާ ކުރާނެކަން އިއުލާން ކުރުމަށްފަހުވެސް، އާ ލަވަތައް ރިލީޒްވަމުންދާނެކަމަށް މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖިތު ސިންގް ހާމަކޮށްފި އެވެ.
އަރިޖިތު ސިންގް އަކީ އޭނާގެ ހިތްގައިމު އަޑުން އެތައް އަހަރެއް ވަންދެން ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. އެހެންކަމުން، އޭނާ ލަވަކިޔުމުގެ ދާއިރާއިން ވަކިވާން ނިންމި ހަބަރާއެކު މިއުޒިކީ ދާއިރާއަށާއި އޭނާގެ ފޭނުންނަށް ބޮޑު ސިހުމެއް ލިބުނެވެ. ނަމަވެސް، މި ނިންމުމަށްފަހުވެސް އޭނާގެ އާ ލަވަތަކެއް ރިލީޒްވަމުންދާތީ އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދެމުން އަރިޖިތު ސޯޝަލް މީޑިއާގައި ބުނީ، އަދި ނުނިމި ހުރި ވަރަށް ގިނަ ލަވަތައް އެބަހުރި ކަމަށެވެ. އަދި މި ލަވަތައް މިއަހަރުގެ އިތުރުން 2027 ވަނަ އަހަރާ ހަމައަށްވެސް ރިލީޒްވަމުންދާނެ ކަމަށް އޭނާ ހާމަކުރި އެވެ.
އެކްސް މެދުވެރިކޮށް އަރިޖިތު ދިން މެސެޖުގައި ބުނެފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ދޭ ލޯތްބާއި އޯގާތެރިކަމަށް ޝުކުރު އަދާކުރާކަމަށެވެ. އޭނާ އިތުރަށް ތަފްސީލުކޮށްދިން ގޮތުގައި، އާ މަސައްކަތްތައް ބަލައިގަތުން ހުއްޓާލާފައިވީ ނަމަވެސް، ކުރިން ފަށާފައިވާ އަދި ނިންމަންޖެހޭ ގިނަ ލަވަތަކެއްގެ ލިސްޓެއް އެބައޮތެވެ.
ލަވަކިޔުމުގެ ދާއިރާއިން ދުރުވުމަށްފަހު، އަރިޖިތު މިހާރު ތައްޔާރުވަނީ އޭނާ ޝައުގުވެރިވާ އާ ދާއިރާތަކަކަށް ނުކުތުމަށެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި، އޭނާ މިހާރު އަންނަނީ ފިލްމު އުފެއްދުމުގެ މަސައްކަތަށް ތައްޔާރުވަމުންނެވެ. އޭނާގެ އަލަތް ހިންދީ ފިލްމުން ފެނިގެންދާނީ މަޝްހޫރު އެކްޓަރު ނަވާޒުއްދީން ސިއްދީގީގެ ދަރިފުޅު ޝޯރާ އާއި، އަރިޖިތުގެ އަމިއްލަ ދަރިފުޅެވެ.
މިއީ ޖަންގަލީގެ އެޑްވެންޗާ ތީމަކަށް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމު ޕްރޮޑިއުސް ކުރަނީ އަރިޖިތާއި އޭނާގެ އަންހެނުން ކޮއެލް ސިންގް އަދި މަހާވީރު ޖެއިން ގުޅިގެންނެވެ. ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީވެސް އަރިޖިތާއި އޭނާގެ އަންހެނުންނެވެ. މި ފިލްމު މުޅި އިންޑިއާގައި ރިލީޒްކުރުމުގެ ކުރިން އެކި ފިލްމު ފެސްޓިވަލްތަކުގައި ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ފިލްމުގައި ނަވާޒުއްދީން ސިއްދީގީގެ ހާއްސަ ފެނިލުމެއްގެ އިތުރުން ތަޖުރިބާކާރު އެކްޓަރު ދިބްޔެންދޫ ބަޓަޗަރިޔާވެސް ބައިވެރިވާނެކަމަށް ރިޕޯޓުތަކުން ބުނެއެވެ.










