މިހާރު އުވާލާފައިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން މަޝްހޫރު ޕްރޮޑިއުސަރު އަހްމަދު އާމިރަށް ދައްކަންޖެހޭ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް، އެ ދަރަނި އުފަންވިއިރު ޕާޓީގެ އެންމެ އިސްފަރާތުގެ ގޮތުގައި ހުންނެވި މުހައްމަދު ނަޝީދުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލައަކީ އާމިރު ހިންގި ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރުޕީގެ އެކި ހަރަކާތްތައް ވީޑިއޯ ކުރުމާއި، އެޑިޓް ކުރުމާއި އަދި ބޭނުންވާ ސާމާނު ފޯރުކޮށްދީގެން ދީފައިވާ ހިދުމަތްތަކަށް ލިބެންޖެހޭ ފައިސާ ނުލިބިގެން ހުށަހެޅި މައްސަލައެކެވެ. މި ހިދުމަތްތަކުގެ އަގަށްވާ 4,045,550 (ހަތަރު މިލިއަން ސާޅީސް ފަސްހާސް ފަސްސަތޭކަ ފަންސާސް) ރުފިޔާ ޑީއާރުޕީން ދައްކަންޖެހޭ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި ފައިސާ ނުދައްކާ އޮތުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އިތުރު 16.3 މިލިއަން ރުފިޔާ އެރި ނަމަވެސް، ހައި ކޯޓުން ކުރިން ނިންމާފައިވަނީ ޖޫރިމަނާގެ ބައި އެއްކޮށް އުނިކުރުމަށްފަހު ހިދުމަތުގެ އަސްލު އަގު އެކަނި ނަގައިދިނުމަށެވެ. މި ނިންމުމަށް ސުޕްރީމް ކޯޓުން ވެސް ވަނީ މީގެ ކުރިން ތާއިދުކޮށްފަ އެވެ.
އާމިރުގެ ފަރާތުން މި ފައިސާ ހޯދުމަށް ސިވިލް ކޯޓަށް ތަންފީޒީ މައްސަލައެއް ހުށަހަޅާފައިވަނިކޮށް، ސިޔާސީ ޕާޓީއެއްގެ ޝަރުތުތައް ފުރިހަމަ ނުވާތީ ޑީއާރުޕީ ވަނީ އުވާލާފަ އެވެ. ނަމަވެސް، ސިޔާސީ ޕާޓީތަކުގެ ގަވާއިދުގެ ދަށުން ޕާޓީއެއް އުވާލާއިރު ހުންނަ ދަރަނިތަކަށް ޒިންމާވާންޖެހޭނީ އެ ދަރަނި އުފަންވިއިރު ޕާޓީގެ އެންމެ އިސްފަރާތުގެ ގޮތުގައި ހުރި ފަރާތެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ކޯޓަށް ދީފައިވާ މައުލޫމާތަށް ބަލާއިރު، މި ދަރަނި ސާބިތުވިއިރު ޑީއާރުޕީގެ އެންމެ އިސް ފަރާތަކީ މުހައްމަދު ނަޝީދު ކަމަށްވާތީ، ސިވިލް ކޯޓުން ވަނީ އެ ފައިސާ ދެއްކުމަށް އޭނާގެ މައްޗަށް އަމުރުކޮށްފަ އެވެ.
2011 ވަނަ އަހަރު ޑީއާރުޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ޕާޓީ ބައިބައިވެގެން ދިޔައިރު، އެ ޕާޓީގެ ނަމުގައި އެތައް މިލިއަން ރުފިޔާގެ ދަރަނި ހުރިކަން ފާހަގަކުރެވެ އެވެ.









