ބީއެމްއެލް މޯބައިލް އެޕް މެދުވެރިކޮށް މެޑިކަލް ޑޮލަރަށް އެދުމުގެ މަރުހަލާ ފަސޭހަކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 12 ގަޑިއިރު ކުރިން - 22 ފެބްރުއަރީ 2026 14:46
ބީއެމްއެލް މޯބައިލް އެޕްގެ ސްކްރީންޝޮޓެއް---
ބީއެމްއެލް މޯބައިލް އެޕްގެ ސްކްރީންޝޮޓެއް---
ޚުލާސާ

އާސަންދަ އަދި އެންސްޕާގެ އެހީގައި ރާއްޖޭން ބޭރުން ބޭސްފަރުވާ ހޯދާ ފަރާތްތަކަށް 2,000 އެމެރިކާ ޑޮލަރާ ހަމައަށް ނެގޭނެކަމަށް ބީއެމްއިލް ފާހަގަކުރި.

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދާ ދިވެހިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ސީދާ މެޑިކަލް ޑޮލަރަށް އެދެވޭނެ އިންތިޒާމު ހަމަޖައްސައި، އެ ހިދުމަތް ޑިޖިޓަލްކޮށް ބޭންކުން މިއަދު ތައާރަފުކޮށްފި އެވެ.

މި އިންތިޒާމުގެ ދަށުން، ކަސްޓަމަރުންނަށް މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފޯމު ހުށަހެޅުމާއި، ބޭނުންވާ ލިޔެކިޔުންތައް އަޕްލޯޑް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މީގެ އިތުރުން، އެދިފައިވާ ކަންތައް ކުރިއަށްދާ ގޮތް (ސްޓޭޓަސް) ވެސް އެޕް މެދުވެރިކޮށް ބަލައިލެވޭނެ އެވެ.

އާސަންދަ އަދި އެންސްޕާގެ އެހީގައި ރާއްޖޭން ބޭރުން ބޭސްފަރުވާ ހޯދާ ފަރާތްތަކަށް 2,000 އެމެރިކާ ޑޮލަރާ ހަމައަށް ނެގޭނެ އެވެ. އަދި އަމިއްލަ ހަރަދުގައި ބޭސްފަރުވާ ކުރާ ފަރާތްތަކަށް 1,000 އެމެރިކާ ޑޮލަރާ ހަމައަށް އެދުމުގެ ފުރުސަތު އޮންނާނެ އެވެ.

މި ހިދުމަތުގެ ދަށުން މެޑިކަލް ޑޮލަރު ދޫކުރާނީ ހަމައެކަނި ޑޮލަރު އެކައުންޓްތަކަށެވެ. ޑޮލަރު އެކައުންޓެއް ނެތް ކަސްޓަމަރުންނަށް، ޑޮލަރަށް އެދޭ މަރުހަލާގެ ތެރެއިން މޯބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު އައު އެކައުންޓެއް ހުޅުވޭނެ އިންތިޒާމުވެސް ބޭންކުން ވަނީ ހަމަޖައްސާފަ އެވެ.

މި އިސްނެގުމަކީ ބީއެމްއެލްގެ ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފުޅާކޮށް، ވަކިން ހާއްސަކޮށް އަވަސް ބޭސްފަރުވާއަށް ބޭނުންވެފައިވާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މެޑިކަލް ޑޮލަރަށް އެދޭ މަރުހަލާ ޑިޖިޓަލް ކުރުމުގެ މައިގަނޑު މަގުސަދަކީ ހިދުމަތް ދިނުމަށް ހޭދަވާ ވަގުތު ކުޑަކުރުމާއި، ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމުގެ އިތުރުން، ބަލިމީހުންނާއި އާއިލާތަކަށް ކުރިމަތިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުންކަމަށް އެ ބޭންކުން ފާހގަކުރި އެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ސްޓްރެޓެޖީގެ ދަށުން، މޯބައިލް ބޭންކިންގެ ގާބިލުކަން އިތުރުކޮށް، އަވަސް ހިދުމަތްތަކާއި ލުއިފަސޭހަ އުސޫލުތަކެއް މެދުވެރިކޮށް ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%