ނޮބެލް ސުލްހައިގެ އިނާމު ލިބިފައިވާ މުހައްމަދު ޔޫނުސް ވަނީ ބަންގްލަދޭޝްގައި ތިބި މިލިއަނަކަށް ވުރެ ގިނަ ރޮހިންޔާ ރެފިއުޖީންނަށް އެހީތެރިކަން ދޭނެކަމަށް ވައުދުވެ، އެމީހުންނަށް މިޔަންމާއަށް ރައްކާތެރިކަމާއެކު އެނބުރި ދެވެންދެން ބައިނަލްއަގްވާމީ އެއްބާރުލުން ދިނުމަށް ގޮވާލައްވައިފި އެވެ. ފަގީރުންގެ ހާލު ބަލައި އުޅުނު އެމީހުންގެ ބޭންކަރުގެ ގޮތުގައި މަޝްހޫރުވި ޔޫނުސް ވަނީ ޑިޕްލޮމެޓުންނާއި އދ އިސް ފަރާތްތައްވެސް ހާޒިރުވެ ތިއްބެވި އިވެންޓުގައިި ރޮހިންޔާގެ މުސްލިމުންގެ ހައްގުތައް ކަށަވަރުކޮށްދޭނެ ކަމަށާ ޔަމަނުން ހަނގުރާމައަށް އަންނަ ރެފިއުޖީން އަނބުރާ އެމީހުންގެ ގައުމަށް ސަލާމަތާއިއެކު ދެވެންދެން އެހީތެރިވާނެކަމަށް ވިދާޅުވެފައެވެ.
މިޔަންމާގެ އަސްކަރިއްޔާއިން 2017 ވަނަ އަހަރު ހިންގި ނަސްލު ނައްތާލުމަށްފަހު، ރޮހިންޔާގެ އެތައް މިލިއަން ބަޔަކު ވަނީ ބަންގްލަދޭޝްއަށް ފިލައިގެން ގޮސްފައެވެ. ޑޮކްޓަރސް ވިތައުޓް ބޯޑާސް ފަދަ ޖަމިއްޔާތަކުން ފަހަކަށް އައިސް ރިޕޯޓްކޮށްފައިވާ ގޮތުގައި ރެފިއުޖީންގެ އަދަދު އިތުރުވެފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން އަންނަނީ ހަނގުރާމައިގެ ޒަހަމްތަކަކާ އެކުގަ އެވެ. އަނިޔާވި މީހުންގެ ތެރެއިން 40 ޕަސެންޓަށް ވުރެ ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ.
މިހާރު އުމުރުން 84 އަހަރުގެ ޔޫނުސް ޔޫރަޕްގައި ދުވަސްކޮޅަކު އުޅުމަށްފަހު ދާދި ފަހުން އެނބުރި ބަންގްލަދޭޝްއަށް ވަޑައިގަތީ މިމަހުގެ ކުރީކޮޅު ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ވަގުތީ ސަރުކާރުގެ އިސްވެރިއަކަށް ރައީސް މުހައްމަދު ޝަހާބުއްދީން ޔޫނުސް އައްޔަން ކުރެއްވީ ހަސީނާ ވެރިކަމުން ދުރުކުރުމަށް އެދި ހަފުތާތަކެއް ވަންދެން ކުރިއަށް ގެންދިޔަ ގިނަ މުޒާހަރާތަކަކަށް ފަހު އެވެ. މުޒާހަރާތައް ނިމުމަކަށް އައީ 15 އަހަރު ވެރިކަމުގައި ހުންނެވުމަށް ފަހު އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު ހަސީނާ ގައުމުން ފިލައިގެން ދިއުމުންނެވެ.

ޔޫނުސް ވަނީ އެމަނިކުފާނުގެ ސަރުކާރުން ގައުމު އެއްބައިވަންތަކުރުމަށާއި ހަމަޖެހުން ކަށަވަރުކުރުމަށް ސަމާލުކަން ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އާންމުންނާ މުހާތަބުކޮށް ޔޫނުސް ވަނީ އެގައުމުގެ އެކްސްޕޯޓުގެ 85 ޕަސެންޓް ހިއްސާކުރާ ބަންގްލަދޭޝްގެ ގަމީހުގެ ސިނާއަތް ހިމާޔަތްކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން ހަސީނާ އިސްތިއުފާ ދެއްވުމުގެ ކުރިން ދަރިވަރުންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މަރުވި 450 މުޒާހަރާގެ ބައިވެރިންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ޔޫނުސް ވަނީ ވަޢުދުވެފަ އެވެ. އަދި ބަންގްލަދޭޝްގައި ޑިމޮކްރެޓިކް ވެރިކަމާއި އެއްބައިވަންތަކަން އަލުން ގާއިމް ކުރުމުގެ މަގުސަދުގައި ދެފަރާތުގެ އިންތިހާބެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.









