ލޯކަލް މާރުކޭޓާއި އާންމު ބާޒާރުގައި އޮރެންޖުގެ އަގު އިންތިހާއަށް އުފުލިއްޖެ އެވެ.
މިހާރު ބާޒާރުގައި އޮރެންޖެއްގެ އަގު އުޅެނީ 12 ރުފިޔާއާއި 15 ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ. ނަމަވެސް އެސްޓީއޯ އިން އޮރެންޖު ކިލޯއެއް އަދިވެސް ވިއްކަމުންދަނީ 40 ރުފިޔާއަށެވެ. މިއީ އޮރެންޖެއްގެ ނިސްބަތުން ބަލާނަމަ ގާތްގަނޑަކަށް 6 ރުފިޔާއެވެ.
ބާޒާރުގައި އޮރެންޖުގެ އަގު މިހާ ބޮޑަށް އުފުލިގެން ދިޔައީ ސްރީ ލަންކާގައި އޮރެންޖު ޝިޕްމަންޓުތައް ތާށިވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެ އެވެ. މީގެ ކުރިން 250 ރުފިޔާއާއި 280 ރުފިޔާއާ ދެމެދު ލިބެން ހުރި އުފަންވެލީގެ އޮރެންޖު ކޭހެއްގެ އަގު މިހާރު ވަނީ 1,150 ރުފިޔާއަށް އުފުލިފަ އެވެ. މި އަގުތައް އުފުލެން ފަށާފައިވަނީ ރޯދަމަސް ފެށުމުގެ ކުރިންނެވެ.
ކޮންމެ ރޯދަމަހަކާ ދިމާކޮށް ކާބޯތަކެތީގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އެސްޓީއޯ އިން ވަނީ ރޯދައަށް ހާއްސަ ޝިޕްމަންޓުތަކެއް ރާއްޖެ ގެނެސްފައެވެ. އެސްޓީއޯ އިން ބުނެފައިވަނީ މުޅި ރޯދަމަހު ވެސް އޮރެންޖެއް 5 ރުފިޔާއާއި 6 ރުފިޔާއާ ދެމެދުގެ އަގަކަށް ލިބޭނެ ކަމުގެ ޔަޤީންކަން އޮތް ކަމަށެވެ.
އޮރެންޖުގެ އިތުރުން ޖުމްލަ 26 ބާވަތެއް އެސްޓީއޯ އިން އަގުހެޔޮކޮށް ފޯރުކޮށްދެމުންދެއެވެ. އޭގެ ތެރޭގައި ހިމެނޭ ފެހި އާފަލު ކިލޯއެއް 40 ރުފިޔާއަށް ލިބޭއިރު، ރަތް އާފަލު ކިލޯއެއް ވިއްކަމުންދަނީ 42 ރުފިޔާއަށެވެ. މީގެ ސަބަބުން އާންމުކޮށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ އަގު ބާޒާރުގައި މައްޗަށް ނުގޮސް ހިފެހެއްޓިފައިވެއެވެ.
ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ރޯދަމަހު އާންމު ރައްޔިތުންގެ ޖީބަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެސްޓީއޯގެ ފިހާރަތަކުން ރީޓެއިލްކޮށް މި ތަކެތި ގަންނަން ލިބޭނެ އިންތިޒާމު ހަމަޖެހިފައިވުމަކީ، ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމުގެ ބިރު ކުޑަވެގެންދާނެ ކަމެކެވެ










