މާދަމާއިން ފެށިގެން ކަރެކްޝަންސްގެ ހިދުމަތްތައް އާ ޕޯޓަލްއަކުން ދޭން ފަށަނީ

އައިޝަތު ރުވާ ރިފްޢަތު | 6 ގަޑިއިރު ކުރިން - 21 ފެބްރުއަރީ 2026 20:58
"މައި އެމްސީއެސް" ޕޯޓަލް / ފޮޓޯ: ކަރެކްޝަންސް
"މައި އެމްސީއެސް" ޕޯޓަލް / ފޮޓޯ: ކަރެކްޝަންސް
ޚުލާސާ

މިއައު ޕޯޓަލް މެދުވެރިކޮށް ހޯދޭނެ މުހިންމު ހިދުމަތްތަކުގެ ތެރޭގައި ކުށުގެ ރެކޯޑް ސާފުކުރުމާއި، ޖަލުގައި ތިބި ފަރާތްތަކާ ބައްދަލުކުރުމަށް އެދޭ ގާނޫނީ ވަކީލުންގެ ފޯމު ހުށާހެޅުން ހިމެނޭ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހިދުމަތްތައް މާދަމާއިން ފެށިގެން އެ އިދާރާގެ އައު ޕޯޓަލް "މައި އެމްސީއެސް" ޕޯޓަލް މެދުވެރިކޮށް ދޭން ފަށާނެކަން އެ އިދާރާއިން މިއަދު އިއުލާންކޮށްފި އެވެ.

ކަރެކްޝަންސް އިން ބުނިގޮތުގައި، މި ޕޯޓަލް ފަރުމާކޮށްފައިވަނީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ. އެގޮތުން، "މައި އެމްސީއެސް" ޕޯޓަލްއަށް "އީފާސް" މެދުވެރިކޮށް ފަސޭހަކަމާއެކު ލޮގިން ވެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މި އައު ޕޯޓަލް މެދުވެރިކޮށް ހޯދޭނެ މުހިންމު ހިދުމަތްތަކުގެ ތެރޭގައި ކުށުގެ ރެކޯޑް ސާފުކުރުމާއި، ޖަލުގައި ތިބި ފަރާތްތަކާ ބައްދަލުކުރުމަށް އެދޭ ގާނޫނީ ވަކީލުންގެ ފޯމުތަކާއި، އާއިލީ ބައްދަލުވުންތަކަށް އެދި ހުށަހަޅާ ހުށަހެޅުންތައް ހިމެނެ އެވެ. މީގެ އިތުރުންވެސް އެ އިދާރާއިން އާންމުންނަށް ދެމުންގެންދާ ގިނަ ހިދުމަތްތަކެއް މި ޕޯޓަލްގެ ތެރެއަށް ވަނީ ބަދަލުކޮށްފަ އެވެ.

ކަރެކްޝަންސް އިން އިތުރަށް ބުނީ، މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ކުރިން ބޭނުންކުރަމުން އައި "އީސާވިސް" ޕޯޓަލް މެދުވެރިކޮށް ފޮނުވާ އެއްވެސް ރިކުއެސްޓެއް ބަލައިނުގަންނާނެ ކަމަށެވެ. އެހެންކަމުން، އެ އިދާރާގެ ހިދުމަތްތަކަށް އެދޭ ފަރާތްތަކުން މާދަމާއިން ފެށިގެން އައު ޕޯޓަލް "މައި އެމްސީއެސް" ބޭނުންކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ބަދަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިދާރާތަކުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ރައްޔިތުންނަށް އަވަސް އަދި އިތުބާރު ހުރި ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނެވުނު ބަދަލެކެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%