ލުބުނާނުގެ އިރުމަތީ ސަހްލު އަލްބިޤާޢް (ބެކާ ސަރަޙައްދަށް) އިސްރާއީލުން ދިން ވައިގެ ޙަމަލާ ތަކުގައި ހަމީހަކު މަރުވެ 25 އަށް ވުރެ ގިނަ މީހުން ޒަޚަމް ވެއްޖެ ކަމަށް ލުބުނާނުގެ ދައުލަތުގެ މީޑިއާތަކާއި މެޑިކަލް މަސްދަރުތަކުން ބުނެފިއެވެ.
އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން އެ ސަރަޙައްދަށް ޙަމަލާދީ ޢިމާރާތްތައް ފުނޑަލާފައި ވާއިރު، އިސްރާއީލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބުނީ ތިމަންނާމެން ޙަމަލާ ދިނީ އެ ސަރަޙައްދުގައި ހުރި ޙިޛްބުاللهގެ ކޮމާންޑް ސެންޓަރު ތަކަށެވެ. ނަމަވެސް ލުބުނާނު މަސްދަރުތަކުން ބުނަނީ ޒައެނިސްޓުން ޙަމަލާ ދިނީ ޢާންމު ރައްޔިތުންނަށެވެ.
2024 ވަނަ އަހަރުގެ ފަހުކޮޅު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން އެ އެއްބަސްވުމާއި އެތައް ފަހަރަކު ވަނީ ޚިލާފު ވެފައެވެ.










