މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބޭސް ކަމަށްވާ ޤަޠަރުގެ އަލް އުދައިދު އެއާ ބޭސް އިން އެތައް ސަތޭކަ އެމެރިކާ ސިފައިން ފޮނުވާލާފައިވާ ކަމަށް ރިޕޯޓް ކޮށްފިއެވެ. ނަން ހާމަކުރަން ނޭދޭ ޕެންޓަގަންގެ އިސް ވެރިއަކާއި ޙަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އެމެރިކާގެ ނޭވީގެ ފަސްވަނަ ފްލީޓް ހުންނަ ބަހުރައިނުން ވެސް ވަނީ ސިފައިން ބޭރުކޮށްލާފައެވެ.
މިއީ ވޮޝިންޓަނާއި ތެހެރާނާއި ދެމެދު “އަނދަމުންދާ އަލިފާންގަނޑުގެ” ތެރޭގައި ކުރިމަތިވެދާނެ ޙަމަލާތަކެއްގެ ސަބަބުން، ނުވަތަ އީރާނުން ދީފާނެ ރައްސު ޙަމަލާއަކުން ދިފާޢުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ.
ތެހެރާނުން މީގެ ކުރިން އިންޒާރު ދިން ގޮތުގައި އެ ޤައުމަށް އެމެރިކާ އިން ޙަމަލާ އެއް ދީފި ނަމަ މުޅި ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ ތަންތަނަށާއި ތަކެއްޗަކީ އީރާނުގެ ޝަރުޢީ އަމާޒަކަށް ވާނެއެވެ.
ނަމަވެސް އެމެެިކާގެ ޕްރޮޕަގަންޑާ ފަތުރާ ފޮކްސް ނިއުސް އާއި ނިއުސް ނޭޝަން އިން ވަނީ ޤަޠަރާއި ބަހުރައިންގެ މަރުކަޒުތަކުން އެފަދަ އެއްވެސް ކަމެއް ނުފެންނަ ކަމަށް ބުނެފައެވެ.










