ޝަނާޔާ ކަޕޫރުގެ ފުރަތަމަ ފިލްމު "ތޫ ޔާ މޭ" އަށް ބޮޑު ނާކާމިޔާބީއެއް

އައިޝަތު ރުވާ ރިފްޢަތު | 23 ގަޑިއިރު ކުރިން - 20 ފެބްރުއަރީ 2026 04:11
"ތޫ ޔާ މޭ" ފިލްމް ޕޯސްޓަރު
"ތޫ ޔާ މޭ" ފިލްމް ޕޯސްޓަރު
ޚުލާސާ

މިދިޔަ ބުދަ ދުވަހު ފިލްމަށް ދެކްރޯރް ރުފީސް ލިބުނު ނަމަވެސް، އިއްޔެ އެ އަދަދު ވަނީ 0.04 ކްރޯރް ދަށްވެފައި.

ބޮލީވުޑަށް އަލަށް ތައާރަފުވި ޝަނާޔާ ކަޕޫރުގެ ފުރަތަމަ ފިލްމު "ތޫ ޔާ މޭ" ސިނަމާތަކަށް ނެރުނުތާ ހަތް ދުވަސް ވެފައިވާއިރު، ފިލްމަށް ލިބެމުންދަނީ ވަރަށް ކުޑަ ތަރުހީބެއް ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މި ފިލްމު ރިލީޒްކުރިތާ ހަފުތާއެއް ވެފައިވާއިރު، ބޮކްސް އޮފީހުގައި ފިލްމުގެ ވިޔަފާރި ހުރީ އަންދާޒާކުރި މިންވަރަށް ވުރެ މާ ބޮޑަށްވެސް ދަށުގަ އެވެ. އެގޮތުން، މިދިޔަ ބުދަ ދުވަހު ފިލްމަށް ދެކްރޯރް ރުފީސް ލިބުނު ނަމަވެސް، އިއްޔެ އެ އަދަދު ވަނީ 0.04 ކްރޯރް އަށް ދަށްވެފަ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި ހަތް ދުވަހުގެ ތެރޭގައި މި ފިލްމަށް ޖުމްލަ ލިބިފައިވަނީ 23.1 ކްރޯރް ރުފީސްއެވެ. މިއީ ބޮޑު އުންމީދަކާއެކު ނެރުނު ފިލްމަކަށް ބަލާއިރު ވަރަށް ކުޑަ އަދަދެކެވެ.

ޝަނާޔާއާއެކު މި ފިލްމުގެ ބަތަލުގެ ރޯލުން ފެންނަނީ ހުނަރުވެރި އެކްޓަރު އާދާޝް ގޯރަވް އެވެ. އޭނާއަކީ "ދަ ވައިޓް ޓައިގާ" އަދި "ކޯ ގަޔޭ ހަމް" ފަދަ ކާމިޔާބު ފިލްމުތަކުން ފާހަގަކޮށްލެވޭ ތަރިއެކެވެ. އާދާޝްގެ އެންމެ ފަހުގެ މަސައްކަތަކީ "ސުޕަބޯއިސް އޮފް މަލެގާއޯން" އެވެ.

"ތޫ ޔާ މޭ" އަކީ މަޝްހޫރު ޑައިރެކްޓަރު އާނަންދު އެލް ރާއީގެ "ކަލަ ޔެލޯ ޕްރޮޑަކްޝަން" އިން އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ "ޝައިތާން"، "ޑޭވިޑް" އަދި "ވަޒީރު" ފަދަ ތަފާތު މޮޅު ފިލްމުތައް ގެނެސްދީފައިވާ ބިޖޯއި ނަމްބިއާ އެވެ.

ޝަނާޔާ ކަޕޫރަކީ ބޮލީވުޑްގެ ނުފޫޒުގަދަ ކަޕޫރު އާއިލާއަށް ނިސްބަތްވާ ތަރިއެކެވެ. އޭނާއަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރުގެ ކޮއްކޮ، ސަންޖޭ ކަޕޫރުގެ ދޮށީ ދަރިފުޅެވެ. އަދި ބޮލީވުޑްގެ ތަރިން ކަމަށްވާ ސޯނަމް ކަޕޫރާއި، އަރުޖުން ކަޕޫރާއި، ޖާންވީ ކަޕޫރުގެ އިތުރުން ހުޝީ ކަޕޫރަކީ ޝަނާޔާގެ ދެބެއިންގެ ދެދަރިންނެވެ. އާއިލީ ގޮތުން ބޮޑު ސަޕޯޓެއް އޮތް ނަމަވެސް، ޝަނާޔާގެ ފުރަތަމަ ފިލްމަށް ބެލުންތެރިންގެ ފަރާތުން ތަރުހީބު ނުލިބުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ.

Ad
Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%